އައްޑޫގައި ތިބި ފުލުހުންގެ ފްރަންޓް ލައިންގައި ހަރަކާތެރިވާ އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާ ކަމަށް އައްޑޫސިޓީ ޕޮލިސްއިން ހާމަކޮށްފިއެވެ.
އައްޑޫސިޓީގެ އިތުރުން ފުލުހުން ބޮޑީ ވޯން ކެމެރާ ބޭން ކުރަށް ފަށާފައިވަނީ ސައުތު ރީޖަނުގައި ހިމެނޭ، ހުވަދު އަތޮޅު އަދި ފުވައްމުލަކު ސިޓީގައެވެ. ފުލުހުންގެ ފްރަންޓަލައިން އޮފިސަރުން ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާއިރު، މީގެ ކުރިންވެސް މި ސަރަހައްދުގައި ބައެއް އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކޮށްފައިވެއެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން ބޮޑީ ވޯން ކެމެރާ ދެކުނުގެ ހުރިހާ އަތޮޅެއްގައި ފުލުހުންގެ ފްރަންޓް ލައިންގައި ހަރަކާތްތެރިވާ އޮފިސަރުން މިވަނީ ބޭނުން ކުރަން ފަށާފައެވެ.
މިކަމާއި ގުޅިގެން އައްޑޫގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ކެމެރާތައް ބޭނުން ކުރަން ފެށުމުން ފުލުހުންގެ މައްޗަށް ރައްޔިތުން އޮތް އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ. އެގޮތުން ފުލުހުންނާއި މެދު އާންމުކޮށް ކުރެވޭ ތުހުމަތުތަކާއި ޖަވާބުދާރީ ވުމުގައި ފަސޭހަވެގެން ދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެ އތުރުން ސީން އަކަށް އެޓެންޑް ކުރާއިރު، ސްޓޭޝަނުގައި ހުރި ކޮމާންޑަރަށް ކަން ހިނގަމުންދާ ގޮތް ވަގުތުން ބަލާލެވޭނެ ކަމަށާއި، މިއީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަސޭހަވެގެން ދާނެ ނިޒާމެ ކަމަށް ފުލުހުން ބުނެއެވެ.
މިކެމެރާތަކުން ރެކޯޑަށް ޖެއްސުމާއި އެކު އޭގެ 30 ސިކުންތު ކުރިން ހިންގި ކަންކަމާއި އެކު ރެކޯޑު ކުރެއެވެ. މިއީ ކުއްލިއަކަށް ދިމާވާ ހާދިސާތަކުގައިވެސް ހާލަތުގެ ދެނެގަތުމަށް މުހިންމު ވަސީލަތެކެވެ.
ދެކުނު ސަރަހައްދުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވައިރު، އިންތިހާބާއި ގުޅިގެންވެސް ފުލުހުން ކުރިއާލާ ތައްޔާރުވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިގޮތުން މިއަހަރު އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ފުލުހުން މަރުކަޒުގައި ހަރަކާތްތެރިވާނީ އިލެކްޝަންސް އިން ކަނޑައަޅާފައިވާ ތަރަހައިގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.