Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ބިއޯންޑްގެ ވަޒީފާތަކަށް ދިވެހިން ހޯދަނީ

ބިއޯންޑް ކުންފުނީގެ މުވައްޒަފުން / ފޮޓޯ: ބިއޯންޑް

ދިވެހި ރާއްޖޭގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑުގެ ވަޒީފާތަކަށް އެކުންފުނިން ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރު ނޮވެމްބަރު މަހު މެދުތެރޭ ފަށާ ބިއޯންޑްގެ އޮޕަރޭޝަންތަކަށް އެއާބަސް އޭ-320 ދިވެހި ޕައިލެޓުންނާއި، ދިވެހި ކެބިން ކްރޫން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބިއޯންޑުގެ ގްރައުންޑް އޮޕަރޭޝަން މެނޭޖަރ އާއި އެއާޕޯޓް މެނޭޖަރ މަޤާމަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ވަޒީފާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު ވަޒީފާއަށް ޝަރުތުހަމަވާ ފަރާތްތަކަށް ބިއޯންޑްގެ ވެބްސައިޓު މެދުވެރިކޮށް ހުށެހެޅޭނެ ގޮތް ވަނީ ހަދާފައެވެ.

ވަރަށް އަވަހަށް އޮޕަރޭޝަން ފެށުމަށް ތައްޔާރުވެފައިވާ ބިއޯންޑުން ވަޒީފާގެ ފުރުސަތު ހުޅުވާލިއިރު، މީގެ އެއް ބޭނުމަކީ ދިވެހި ހުނަރުވެރި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދިނުމާއިއެކު ދިވެހި އިޤްތިޞާދު ކުރިއެރުވުމުގައި އެހީވުން ކަމަށް އެކުންފުނިން ބުނެވެ.

އެކުންފުނީގެ ސީއީއޯ ޓެރޯ ޓަސްކިލާ ވިދާޅުވީ، އައު ހުނަރުތައް އެކުންފުންޏާއި ގުޅުމަށް މަރުހަބާ ކިޔާ ކަމަށާއި، އެކުގައި އޭވިއޭޝަން ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ދިވެހި ރާއްޖޭގެ ވަޒީފާ އަދާ ކުރާފަރާތްތަކުގެ ޕޮޓެންޝަލްއަށް އިތުބާރު އޮތް ކަމަށާއި، އެ ފަރާތްތަކުގެ ކެރިއަރ ތަރައްޤީކޮށް ޓުއަރިޒަމް ސިނާޢަތް ފުޅާ ކުރުމުގެ އެހީތެރިވުމަށް އެކުންފުނި ތައްޔާރަށް އޮތް ކަަމަށެވެ.

ރާއްޖޭގެ ސިމްޑީ ކުންފުންޏާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ ބިއޯންޑުގެ ރަސްމީ ދަތުތައް ނޮވެމްބަރަށް ވަނީ ތާވަލް ކޮށްފައެވެ. އެގޮތުން ފުރަތަމަ ދަތުރު ކުރާ މަންޒިލް ތަކަކީ ޖަރުމަން ވިލާތުގެ މިއުނިކް އަދި ސްވިޒަލޭންޑުގެ ޒިއުރިކްއެވެ. އެކުންފުނިން ވަނީ ދާދި ފަހުން ސިވިލް އެވިއޭޝަނުގެ އެއާލައިން އޮޕަރޭޓަރ ލައިސެންސް ހޯދާފައެވެ.