Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

މުއިއްޒުއަށް ތާއިދު ކުރާ ސަލަފް ލިސްޓު އާއްމުކޮށްފި

ސަލަފު ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު، އޭނާ އަކީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުގެ ޅިޔަނެއް، ފޮޓޯ: ސަން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރާ ސަލަފް ޖަމިއްޔާގެ ލިސްޓު އާއްމުކޮށްފިއެވެ.

ސަލަފު ޖަމިއްޔާއަށް ތާއިދު ކުރާ މީހުންގެ ލިސްޓު އާއްމުކުރި އިރު މީގެ ކުރިންވެސް ސަލަފުން ވަނީ ޑރ. މުއިއްޒުއަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ.

"އައްޑޫލައިވް" މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލަފުން އިލްމުވެރިންގެ ލިސްޓެއް ހެދީ ބައެއް ފަރާތްތަކާއި ވާހަކަ ދެއްކުމަށްފަހު އެފަރާތްތަކުގެ ރުހުން ނެތިއެވެ. އެގޮތުން މި ލިސްޓު ތައްޔާރުކޮށް އާއްމުކޮށްފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައިދު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ގުޅައި ލިސްޓުގައި ނަން ޖަހަން އެދުމުން އެކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލަފު ޖަމިއްޔާގެ އިސް ފަރާތްތަކަށްވާ ޝެއިހް މުހައްމަދު ލަޠީފު އާއި ޝެއިހް ޒަމްޒަމް ގުޅައި ބައެއް ކަންކަން ކޮށްދޭނެކަމަށް ބުނެ އޮޅުވާލައި ލިސްޓުގައި ނަން ޖަހައި އާއްމުކޮށްފައިވާ ކަމަށް އެ ލިސްޓުގައި ހިމެނޭ ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ވަޒީފާ ދޭނެ ކަމަށާއި ފައިސާ ހުށަހަޅާފައިވާ ކަމަށްވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ސަލަފުން ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރުމަށް ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ސަލަފަށް ދޭ ގޮތަށް ކަމަށް ޝެއިހް ޒަމްޒަމް ވަނީ ބުނެފައެވެ. އެގޮތުން ޑރ. މުއިއްޒު އިންތިހާބު ވެއްޖެނަމަ ބޮޑަށް ބެލެވެނީ އިސްލާމިކް މިނިސްޓަރ ކަން ސަލަފު ޖަމިއްޔާގެ އިސްވެެރިޔާ ޝެއިހް މުހައްމަދު ލަޠީފު ކަމަށާއި ޑރ. ޝަހީމު އެމަގާމަށް ނާންނާނެ ކަމަށެވެ. އަދި ، ސްޓޭޓު މިނިސްޓަރ ކަން އޭނާއަށް ލިބޭނެ ކަމަށް ޒަމްޒަމް ވަނީ ލިސްޓުގައި ސޮއި ކުރި ބައެއް މީހުން ގާތު ބުނެފައެވެ.

"މިނިސްޓަރ އަކަށް ބޮޑަށް ބެލެވެނީ ޑރ. ޝަހީމް ނާންނާނެކަމަށް އެހާލަތުގައި ޑރ. މުއިއްޒު ލައްވާނީ ޝެއިހް ލަޠީފު، ޝެއިހް ލަޠީފާއި އެކު ސްޓޭޓު ލެވެލްގައި އަޅުގަނޑު ހުންނާން. އެހާލަތުގައި އަޅުގަނޑުމެން އެދޭފަދަ އިސްލާމިކް މިނިސްޓްރީއެއް ފެނިގެންދާނެ" ޝެއިހް ޒަމްޒަމް ބުނެފައިވެއެވެ.

ސަލަފުގެ ލިސްޓު އާއްމު ކުރިއިރު މީގެ ދެ ދުވަސް ކުރިން ސަލަފުން އިސްވެ އޮވެ އިލްމުވެރިންގެ ގުޅުމުގެ ނަމުގައި ހިންގާ ވައިބާ ގްރޫޕުން ބައެއް މެމްބަރުން ބޭރުކޮށް ވަނީ ވޯޓެެއް ނަގައި ޑރ. މުއިއްޒުއަށް 87 މީހެއްގެ ތާއިދު އޮތް ކަން ހާމަ ކޮށްފައެވެ.

ސަލަފު ޖަމިއްޔާގެ ރައީސު އަބްދުﷲ މުހައްމަދު އަކީ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ކޮއްކޮއެވެ. އަދި ސަލަފު ޖަމިއްޔާގެ ވެރިޔާ ޝެއިހް މުހައްމަދު ލަޠީފު އަކީ ޑރ. މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑު ބޭބެއެވެ.