17 ވަނަ ސާކް ސަމިޓް ބާއްވަން 200 މިނިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) "ވީރާނާކޮށްލަން" ސަރުކާރުން ދޫކޮށްލައިފައިވާ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"ކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކުން ފެށިގެން ގޮސް ރައީސުލްޖުމްހުރިއްޔާ އާ ހަމައަށް އަޅުގަނޑުމެން މި މައްސަލަ އެތައް ފަހަރެއްގެ މަތިން ގެންގޮސްފިން .އެކަމަކު ކައުންސިލާ އެތަން ހަވާލު ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރަކުން ނުގެންގުޅުއްވާ. އޭގެ ބަދަލުގައި އެތަން ވީރާނާކޮށްލައި، ނެތިކޮށްލަން ބޭނުން ވަނީ." ހަވީރު ނޫހަށް ދިން އިންޓަވިއުއެއްގައި ޑެޕިއުޓީ މޭޔަރ ތޮއްޔިބް ވިދާޅުވިއެވެ.
އީސީސީ އެކަށީގެންވާ ގޮތަކަށް މިހާތަނަށް ނުބަލަހައްޓާތީ އިމާރާތުގައި ކަތުރުފަނި އަޅައި، އިމާރާތުގެ އެކި ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަވާއިރު އެތަނުގައި ޖަހާފައި ހުރި ބައެއް މުށިތައް ތަޅައިގެން ވެއްޓި، ބައެއް ދޮރުތަކުގައި ދަބަރު ޖަހައި، އެތަނުގައި ހުރި ފާހާނާތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ދީފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އީސީސީ އާއި އެތަން ހިމެނޭ ސަރަހައްދު ޓޫރިޒަމަށް ތަރައްގީ ކުރަން ހުޅުވާލައި އަދި އެތަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން ދަނިިކޮށް، ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން، އެ މަސައްކަތް ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. އެގޮތުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އީސީސީގައި ބޭރުގެ ޔުނިވަސިޓީއެއްގެ ގޮއްޕެއް ހުޅުވާ ވާހަކަ ދެއްކި އެވެ. ނަމަވެސް އެކަން ނުވެ އެބޭފުޅާގެ ވެރިކަން ނިމި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ތަނަށް ހަރަދުކޮށް ހިންގައި މަރާމާތުކޮށް ބެލެހެއްޓުމާއި އަދި އީސީސީ ހުރި ސަރަހައްދުގައި ޓޫރިޒަމާއި އެކިއެކި ސިނާއީ ހިދުމަތްދޭ ތަންތަން ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ލާފައި ވިޔަސް ފަހުން އެކަމާ ގުޅޭ އެއްވެސް ކަމެއް ނުހިނގަ އެވެ.