Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ސޯފީ އާއި ޖޯގެ ވަރި ކަށަވަރު

ހޮލީވުޑްގެ ބަތަލާ ސޯފީ އާއި ޓާނާ އާއި ފިރިމީހާ އެމެރިކާގެ މިއުޒިޝަން ޖޯ ޖޯނަސް ވަރިވާން ނިިންމިކަން އެ މީހުން ކަށަވަރުކޮށް ދީފި އެވެ.

އެ ދެ މީހުން ގުޅިގެން ނެރެފައިވާ ބަޔާނެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ވަރިވާން ނިންމީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށް ބުނެފައިވެ އެވެ. އަދި އެ މީހުން ވަކިވާން ނިންމުމާ ގުޅިގެން ތަފާތު އެތައް ވާހަކައެއް މިހާރު ދެކެވެމުންދާކަން ފާހަގަކޮށް، މި ދަނޑިވަޅަކީ އެ މީހުންނާއި ކުދިންނަށް ވެސް ވަރަށް ބޮޑަށް ޕްރައިވެސީ ބޭނުންވާ ވަގުތެއް ކަމަށް ބުނެފައިވެ އެވެ.

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގައި ސަންސާ ސްޓާކްގެ ކެރެކްޓާ ކުޅުނު ސޯފީ، 27، އާއި ޖޯ، 34، ކައިވެނިކުރީ 2019 ގަ އެވެ. އެ ދެ މީހުން ވަރިވާން ނިންމި އިރު، ދެ އަންހެން ކުދިން ލިބިފައިވެ އެވެ.

ޖޯ އަކީ މަޝްހޫރު ބަތަލާ ޕްރޮޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ އެއްބަނޑު އެއްބަފާ ބޭބެއެކެވެ. "އެކްސް މެން: އެޕޮކެލިޕްސް" އާއި "ޑާކް ފީނިކްސް" ފަދަ ފިލްމުތައް ކުޅެފައިވާ ސޯފީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޓީން ބްލެކް ކޮމެޑީ "ޑޫ ރިވެންޖް" އެވެ.

ޖޯ އަކީ ނިކް އާއި ކެވިން ޖޯނަސްއާ ގުޅިހެން "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް ހިންގަމުން އަންނަ ފަންނާނެކެވެ. އެ މީހުންގެ އެންމެ ފަހުގެ އަލްބަމް "ދި އަލްބަމް" އާ ގުޅުވައިގެން މިހާރު އަންނަނީ ޓުއާތަކެއް ބާއްވަމުންނެވެ.