Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

ދީނީ އިލްމުވެރިން ތިބީ އަދާލަތުގައި: އިޔާޒު

ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިނީ ޢިލްމުވެރިން އިސްވެ ތިބެ ހިންގާ ހަމައެކަނި ސިޔާސީ ޕާޓީ އަކީ ޢަދާލަތު ކަމަށް އެ ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލިހުގެ މެމްބަރު ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އައްޑޫގައި ބޭއްވި ކެމްޕޭންގައި ޖަލްސާގައި އިޔާޒް ވިދާޅުވީ ޢަދާލަތު ޕާޓީން ވާނީ އެ ޕާޓީން ޤަބޫލުކުރާ އުސޫލުތަކާ އަސާސްތަކުގެ މަތީ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވެސް ވެފައިވާ ކަމަށެވެ. ޖަލަށް ދާންޖެހިއްޖެއްޔާ ޖަލަށް ދިޔައިން މުޒާހަރާ ކުރަންޖެހިއްޖެއްޔާ މުޒާހަރާ ކުރީން."

"ދިވެހިރާއްޖޭގެ ދީނީ މަސްލަޙަތެއް ޙިމާޔަތް ކުރަންޖެހުނު ކޮންމެ ވަގުތެއްގައި ޢަދާލަތު ޕާޓީއަށް ވުރެ ކުރި ހޯދުނު އެއްވެސް ޖަމާއަތެއް މި ފަހުގެ ތާރީޚުގައި މި ރާއްޖެއަކު ނެތް." އޭނަ ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީއާ އެކީ އަދާލަތު ނުކުމެ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދޭން މަސައްކަތް ކުރަނީ ވެސް އެފަދަ ސަބަބުތަލާ ހެދި އެވެ. އަދި މި ސަރުކާރަކީ ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ދީނީ ގޮތުން ކުރިމަތިވާ ކަންކަން ހައްލުކުރަން މަސައްކަތްކޮށްފައިވާ ދީން ހިމާޔަތްކުރާ ސަރުކާރެކެވެ.

"އަޅުގަނޑުމެން ރައީސަށް ތާއީދު މި ކުރަނީ އަދިވެސް ހަމަ މި ޝަރުތުތަކުގެ މަތީގައި. މާދަމާ ވެސް އެމަނިކުފާނު އިސްލާމް ދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ޚިޔާނާތްތެރިވާކަމުގެ އިޝާރާތެއް ވެލިޔަސް އަޅުގަނޑުމެން ތެދުވާނަން،" އިޔާޒް ވިދާޅުވި އެވެ. "ބަސް ބުނާނަން. އަޑު އިއްވާނަން. އަދި އަޑު ނާހައިފި ނަމަ އެމަނިކުފާނާ ދެކޮޅަށް އެންމެ ބާރަށް ތެދުވާނެ މީހުންނަކީ އަޅުގަނޑުމެން ކަމުގައި ވާނެ."

އޭނަ ވިދާޅުވީ މާދަމާ ނަގާ ވޯޓަކީ ރާއްޖޭގެ މުސްތަޤުބަލް ކަނޑައެޅުމަށްޓަކައި ވަރަށް މުހިއްމު ވޯޓެކެވެ. އެހެންވެ ހިރިާ އެންމެން ވެސް ރައީސް ސޯލިހަށް ވޯޓް ދޭން ގޮވާލެއްވި އެވެ.

"ތިޔަ ބޭފުޅުން ނިންމެވުމެއް ނިންމަ ވާއިރު ހަމަޖެހުމާ ޞުލްޙައިގެ މަގަށް އިސްކަން ދެއްވާ ޤައުމު މިއޮތީ اللهގެ ރަޙްމަތަށް ފަހު އަޅުގަޑުމެންގެ ކައްޕިތާނުގެ މިންނެތް މަސައްކަތުން އުފާވެރި އަމާން ރާއްޖެއެއްގެ އައްސޭރިއަށް އާދެވިފަ އެނބުރި ނާމާން ގަދަ ކަނޑަކަށް ޤައުމު ގޮސްދާނެ ކަމުގެ ބިރުވެރިކަން އަދިވެސް އެބޮތް ނަމަވެސް މި ނިންމުން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި،" އިޔާޒު ވިދާޅުވި އެވެ. "އަޅުގަނޑުގެ އެދުމަކީ އުފާވެރި އަމާން ރައްޖޭގެ ޖަޒީރާގެ ހިތްގައިމުކަމާ ފޮނިމީރުކަން ލިބިގަންނަން ވޯޓު ދެއްވުން. މިނިވަންކަމަށް ވޯޓު ދެއްވުން ޞުލްޙައަށް ވޯޓު ދެއްވުން އޯގާތެރިކަމަށް ވޯޓު ދެއްވުން."

އޭނަ ވިދާޅުވީ ރައީސް އިންތިހާބު ކާމިޔާބު ކުރައްވާނީ ވެސް އެއްބުރުންނެވެ.