Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

7 އަހަރު އައްޑޫ ހަވާލު ކުރުމުންވެސް މުއިއްޒު ކުރި ކަމެއް ނެތް

މުއިއްޒު 7 އަހަރު ދުވަހު އައްޑޫގެ ކަންކަމާއި ހަވާލުވެ ހުންނެވިއިރު، އައްޑޫއަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި މިހާރު އައްޑޫގެ ރައްޔިތުންނަށް މުއިއްޒު ވިއްކާނެ ސިޔާސަތެއް ދެން ނެތް ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ނިންމުމަށް ބޭއްވި ރޭ އައްޑޫސިޓީ ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވަނީ އިދިކޮޅު ކެނޑިޑޭޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މީގެ ކުރިން ރައީސް ވަހީދު ސަރުކާރުގެ 2 އަހަރާއި ރައީސް ޔާމީން ސަރުކާރުގެ 5 އަހަރު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނަވައިގެން އައްޑޫއަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

" މުއިއްޒާއި އަޅުގަނޑުމެން 7 އަހަރު ހަވާލު ކުރިން މި އައްޑޫސިޓީ. ރައީސް ވަހީދުގެ 2 އަހަރާއި، ރައީސް ޔާމީންގެ 5 އަހަރު މި އަތޮޅުގެ ވެރިކަން ކުރީ މުއިއްޒު. ވަޑައިގެންނެވީ އެންމެ ފަހަރަކު އެންމެ ދުވަހަކު. އަތޮޅަށް ހަދާލި ގޮތް ތިބޭފުޅުން ތަޖުރިބާ ކުރައްވާނެ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރުގެ ވާހަކައިގައި މުއިއްޒު މިނިސްޓަރު ކަމުގެ ދައުރުގައި އައްޑޫގެ ކުޑަ މަގެއްގައި ތާރު އެޅުން ފިޔަވައި ކަމެއްކޮށް ނުދެވޭ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ފަހުން ކުރެވުނު އެއް ކަމެއް ނެތް ކަމަށް ނިޒާރު ތަކުރާރު ކުރެއްވިއެވެ.

" 300 މީޓަރުގެ ކުޑަކުޑަ މަގެއްގައި ތާރުކޮޅެއް އެޅުން ފިޔަވައި އެއްވެސް ކަމެއް މި އައްޑޫސިޓީއަށް ކޮށްދީފައެއް ނެތް. އެހެންވީމާ، ދެންވެސް ސިޔާސަތެއް މިއައްޑޫގެ ރައްޔިތުންނަށް މުއިއްޒު އަތުގައި ނޯންނާނެ. " ނިޒާރު ވިދާޅުވިއެވެ.


މީގެ އިތުރުން ނިޒާރުގެ ވާހަކައިގައި ޕީއެންސީ ޓިކެޓެއްގައި ނިކުންނަވައިގެން އިދިކޮޅުގެ ކެންޑިޑޭޓު އުޅުއްވާއިރު މިހާރުވެސް ޕީއެންސީ ތެރޭ ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އަދި މީގެ ނަތީޖާއަކަށް ވެގެންދާނީ ވެރިކަން ލިބިއްޖެ ނަމަ އެތެރޭގެ ކޯޅުމާއި ހެދީ ރައްޔިތުންގެ ކަންކަމާއި ދުރަށް ދިއުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ޑރ. ވަހީދުގެ ބެލުމުގެ ދަށުން އެކުލަވާލެވުނު ކެބިނެޓުގައި ހައުސިންގް މިނިސްޓަރު ކަމަށް ހަމަޖެއްސީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމައްދު މުއިއްޒުއެވެ. އޭގެ ފަހުން ރައީސް ޔާމީން ވެރިކަމުގައިވެސް މުއިއްޒުއާއި އެ މަޤާމު ހަވާލުކުރެވުނު އިރު، ރާއްޖޭގެ އެންމެ ގިނަ ދުވަހު މިނިސްޓަރީ ހިންގެވި އެއް ބޭފުޅަކަށް މުއިއްޒު ވާނެއެވެ.

މުއިއްޒު މިނިސްޓަރު ކަމުގެ ދަށުން އެންމެ ބޮޑު ފާޑު ކިއުމެއް އަމާޒުވީ، އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރު ބެލެހެއްޓުމުގެ ބާރު މިނިސްޓްރީގެ ދަށަށް ގެންގޮސް، އޭގެ ފަހުން ތަން ވީރާނާވާ ދޫކޮށްލުމެވެ. އޭގެ ފަހުން އައު ހޮސްޕިޓަލެއް އެޅުމުގެ ބަދަލުގައި ތަނުގެ އެތެރެ އެއްކޮށް ތަޅާލާ ހޮސްޕިޓަލަކަށް ބަދަލު ކުރިއެވެ. އޭރުވެސް ގިނަ ރައްތަކުގެ ބަނދަރު ނުހެދުމާއި މަގު ހެދުމުގެ މަޝްރޫޢުތައް ބަޖެޓުގައި އެތަށް ފަހަރަކު ޖަހައިގެންވެސް ކުރިއަށް ނުދާކަން ރައްޔިތުން ދިޔައީ ފާހަގަ ކުރަމުންނެވެ.

މީގެ އިތުރުން ލަންކާ ސަރުކާރުގެ އެހީގައި ހެދި މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫ ބޮޑުމަގު ނަރުދަމާ އެޅުމަށް ހަލާކުކޮށްލި އިރު، އެ މަގު އަލުން ރީސާފެސް ކުރުމާއި ގުޅޭ އެއްވެސް ކަމެއް ވެރިކަން ބަދަލުވިއިރުވެސް ނިންމާފައި ނުވެއެވެ.