Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

ދީނީ ކާޑެއް މި ޤައުމަކު އިތުރަށް ނުކެޅެވޭނެ

ރާއްޖެއަކުން އެމްޑީޕީ ވެރިކަމެއްގައި އިސްލާމް ދީނު ފޮހެލައެއް ނުލެވޭނެ ކަމަށާއި، ދެނެއް އިތުރަށް މި ޤައުމުގައި ދީނީ ކާޑު ނުކުޅޭވޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިންތެރެއިން ރޭ އައްޑޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވަނީ ކުޅިވަރު ދައިރާއަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ސަރުކާރުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމުން ހެކި ދައްކަވާ މަހުލޫފް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް ހޯދުނީ، 15 މެޑަލް ކަމުގައި ވިދާޅުވިއެވެ.

" މިއަދު އަޅުގަނޑުމެންގެ އެތުލީޓުން އެ އައީ ފަސް ރަން މެޑަލް، 9 ސިލްވާ މެޑަލް އަދި 14 ބްރޯންޒް މެޑަލް ހޯދައިގެން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވި ފުރަތަމަ 6 މަސް ދުވަހު ތެރޭ ލިބުނީ 15 މެޑަލް. އަޅުގަނޑުމެން އެތުލީޓުން އެ ގެނައި މެޑަލް ތަކަކީ ކުއްލިއަކަށް ވީ ކަމެއް ނޫން " މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވަނީ އެ ބަދަލަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުޅިވަރު ސިޔާސަތު ބަދަލު ކުރީމަ ވީ ގޮތެއް ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުގެ ބައެއް ވާހަކަތަކަށްވެސް މަހުލޫފް ވަނީ ރަށްދު ދެއްވާފައެވެ. އެގޮތުން މި ދިޔަ ދެތިން ދުވަހު ދީނީ ވާހަކައަކަށް އިންތިހާބު ހަދާފައިވާ ކަމަށާއި، ބޮޑެތި ލިސްޓު ހަދާފައި އިލްމުވެރިން ނަންތަކެއް އާންމުކުރި ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ އިސްލާމް ދީން ފޮހެލެވޭނެ ކަމަށް އެއްބަޔަކު ބުނާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

" ބަލަގަ ރައީސް ސާލިހް މި ޤައުމުގެ ވެރިކަމުގެ 5 އަހަރުގެ ދައުރެއް ފުރިހަމަ ކޮށްފިޔޭ. އިސްލާމް ދީން މި ޤައުމުން ފޮހެއެއް ނުލައްވާ. މިސްކިތްތަކުން ބަންގި އެބަ ގޮވާ. މިއަދު ދީނީ ކާޑެއް މި ޤައުމުގައި އިތުރަށް ނުކުޅެވޭނެ " މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ ވާހަކައިގައި ރައްޔިތުން ބޮލަށް އިދިކޮޅު ފަރާތްތަކުން ޖަހަން އެއުޅޭ "ޗިޕެއް" ދެނެއް މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މަހުލޫފްގެ މިވާހަކަތައް އަމާޒުވެފައި މިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 100 އަށް ވުރެ ގިނަ ދީނީ އިލްމުވެރިން ތާއިދު ކުރައްވާ ކަމަށް ވިދާޅުވެ ލިސްޓެއް ނެރުއްވާފައި ދަނޑިވަޅެއްގައެވެ.