އިއުލާންކުރި ފަހުން އެ ފިލްމަކަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ "އާޝިގީ 3" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަހޭޝް ބަޓާއި މުކޭޝް ބަޓްގެ ވިޝޭސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ މި ފިލްމުގެ ލީޑް ބަތަލަކަށް ނަގާފައި ވަނީ ކާތިކް އާރިއަން އެވެ. އޭނައާ އެކީ "އާޝިގީ 3" އިއުލާންކުރި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގަ އެވެ.
ފިލްމު އިއުލާންކުރި ފަހުން މީގެ ބަތަލާއަކާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތައް މީޑިއާތަކުގައި މިހާތަނަށް ދެކެވިފައިވެ އެވެ. "އާޝިގީ 3" އިއުލާންކުރި ތަންވަޅު އަޑުއެރި ގޮތުގައި ފިލްމުގެ ބަތަލާ އަކީ މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓެވެ. އޭގެ ފަހުން ދީޕިކާ ޕަދްކޯނާއި ކެޓްރީނާ ކައިފާއި ސާރާ އަލީ ޚާނާއި "އާޝިގީ 2" ގެ ބަތަލާ ޝަރަދާ ކަޕޫރް ފިލްމަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.
އެންމެ ފަހުން މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އާޝިގީ 2" ގެ ބަތަލާއަކަށް ވަނީ ދެކުނުގެ ބައެއް ފިލްމުތަކުން ފެނިފައިވާ ޒުވާން ބަތަލާ އަކަންކްޝާ ޝަރުމާ ނަގައިފަ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އަކަންކްޝާ އަކީ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފްގެ މިހާރުގެ ލޯބިވެރިޔާ އެވެ. އެ ދެ މީހުން އެކީގައި "އައި އޭމް އަ ޑިސްކޯ ޑާންސާ 2.0" ކިޔާ ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރޮޑިއުސަރު މުކޭޝް ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "އާޝިގީ 3" ގައި ދެ ބަތަލާއިން ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން އެކަކީ މަޝްހޫރު ތަރިއެއް ކަމަށާއި އަނެއް ބަތަލާ އަކީ އާ ބަތަލާއެއް ކަމަށެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ "މާޑާ" އާއި "ލައިފް އިން އަ…މެޓްރޯ" އަދި "ބަރްފީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގް ބާސޫ އެވެ. އޭނަ މިހާރު އަންނަނީ "މެޓްރޯ" ގެ ސީކްއެލް "މެޓްރޯ: އިންދި ނޯ" ގެ މަސައްކަތްކުރަމުންނެވެ. މި އެންތޮލޮޖީ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗް 29 ގަ އެވެ.
ކުރިން ގެނެސްދިން "އާޝިގީ" އާއި "އާޝިގީ 2" އަކީ ވަރަށް ކާމިޔާބު އަދި ދެ ފިލްމުގެ ލަވަތައް ވެސް މަަޝްހޫރުވި ދެ ފިލްމެވެ. މަހޭޝް ބަޓް 1991 ގައި ގެނެސްދިން "އާޝިގީ" ކުޅުނީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލެވެ. މޯހިތު ސޫރީ ޑައިރެކްޓްކުރި 2013 ގެ "އާޝިގީ 2" ގެ ތަރިންނަކީ ޝްރަދާ އާއި އަދިތިޔާ ރޯއި ކަޕޫރެވެ.