Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

މެކްސިކޯ އަށް ދެން އަންހެން ރައީސެއް

އަންނަ އަހަރު މެކްސިކޯގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަންހެން ދެ ކެންޑިޑޭޓަކު ވާދަކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު އެމެރިކާ އަށް ނިސްބަތްވާ އެ ގައުމުގައި އަންނަ އަހަރުގެ ޖޫންގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ވެރިކަން ކުރާ މޮރޭނޯ ޕާޓީ އަށް ނިސްބަތްވާ ކްލައުޑިއާ ޝީންބޯމް، 61، އާއި އިދިކޮޅު ނެޝަނަލް އެކްޝަން ޕާޓީ (ޕީއޭއެން) އިސްކޮށް އޮތް ކޯލިޝަނަށް ނިސްބަތްވާ ޒޮޗިލް ގަލްވޭޒް، 60، އެވެ.

ކްލައުޑިއާ އަކީ މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރެވެ. އޭނަ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު މާސެލޯ އެބްރާޑްއާ ވާދަކުރައްވައި 39.5 ޕަސެންޓް ވޯޓުންނެވެ. މާސެލޯ އަށް ލިބިވަޑައިގަތީ 26 ޕަސެންޓް ވޯޓެވެ.

ގަލްވޭޒަކީ މެކްސިކޯގެ ޔުނިއަން ކޮންގްރެސް ސެނެޓަރެކެވެ.

ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ބާއްވާ ތާރީހީ އިންތިހާބު ކާމިޔާބުކޮށް، މެކްސިކޯގެ ފުރަތަމަ އަންހެން ރައީސްގެ ޝަރަފު ހޯއްދަވަނީ ކްލައުޑިއާ އެވެ.

މެކްސިކޯގެ މިހާރުގެ ރައީސަކީ އެންޑްރޭޒް މެނުއެލް ލޮޕޭޒް އޮބްރާޑޯ، 7، އެވެ. އެ ގައުމުގެ 65 ވަނަ ރައީސަކަށް އޭނަ އިންތިހާބުވެވަޑައިގަތީ 2018 ގަ އެވެ.