Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

ހުޅުމާލޭގައި މެރީނާއެއް ހަދަނީ

ޖީޕީއެލް ހޯލްޑިންގްސް އާއި އާބަންކޯ ދެމެދު މަޝްރޫޢުގައި ސޮއިކުރުން / ފޮޓޯ: އާބަންކޯ

ހުޅުމާލޭގައި އެއްފަހަރާއި 133 ކުދި އުޅަނދަށް ބަނދަރު ކުރެވޭ މެރީނާއެއް ތަރައްޤީ ކުރުމަށް، ޖީޕީއެލް ހޯލްޑިންގް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ޖީޕީއެލް ހޯލްޑިންގްސް ކުންފުންޏާއި މިމަޝްރޫޢު ހަވާލު ކުރީ، ބުދަ ދުވަހު އެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުގެ ދެކުނުން، މި މެރީނާ ތަރައްޤީ ކުރާއިރު މިތަން ހާއްސަ ކުރާނީ ސްޕީޑު ބޯޓުތަކާއި، ކުދި ޑިންގީ އުޅަނދު ލަގްޒަރީ ޔޮޓުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެއް ފަހަރާ 133 އުޅަނދު މިތަނުގައި ބަނދަރު ކުރެވޭއިރު، 33 ޖާގަ ލަގްޒަރީ ޔޮޓުތަކަށް ހާއްސަ ކުރެވޭނެއެވެ. ބާކީ ޖާގަތަކަކީ މަސްވެރިކަމަށް ބޭނުން ކުރާ ކުދި ބޯޓުތަކާއި، ސްޕީޑު ބޯޓުތަކަށް ޙާއްސަ ޖާގަތަކެކެވެ.


މި މެރީނާގައި ގައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ ބޭނުން ކުރާއިރު ފެނާއި ތެޔޮވެސް ބޯޓުތަކަށް މިތަނުން ލިބިގެން ދާނެވެ. އަދި މެރީނާގެ ބޭނުމަށް ސަޕޯޓް ފެސިލިޓީއެއް ތަރައްޤީ ކުރާނެއެވެ. މިތަނުން ވެލާނާ އެއާޕޯޓަށް ފުރާމީހުންނަށް ކުރިއާލާ ޗެކިން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފެސިލިޓީގެ ބޭސްމެންޓުގައި 100 ކާރު ޕާކް ކުރެވޭނެ ޖާގައެއް ތަރައްޤީ ކުރެވޭނެއެވެ. އަދި ފެސިލިޓީގައި ރެސްޓޯރެންޓާއި، ފިހާރަ ހުންނައިރު ރިސޯޓުތަކަށް ދޫކުރާ ލައުންޖުތައް މިތަނުގައި ހުންނާނެއެވެ.

ޖީޕީއެލް ކުންފުނިން ވަނީ މިތަނުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ބުނެފައެވެ. މިމަޝްރޫޢު އަކީ ހުޅުމާލެއަށް އިޤްތިޞާދީ ގޮތުން ކުރިއެރުން ދޭނެ މަޝްރޫޢެއް ކަމަށާއި އައު ވަޒީފާގެ ފުރުސަތު މިތަނުން ފަހިކޮށްދޭނެ ކަމަށް އެކުންފިނިން ހާމަކުރެއެވެ. އަދި މިތަން އެއް އަހަރު ދުވަހުގެ ތެރޭ ނިންމާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.