"ވިސްފޮޓް" ކިޔާ ފިލްމަކުން އެނބުރި އަންނަން ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ކުރީގެ އެކްޓަރު ފަރުދީން ޚާން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ފީރޯޒް ޚާންގެ ދަރިފުޅު ސޮއިކުރި އާ ފިލްމަކީ އަކްޝޭ ކުމާރު ވެސް މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" އެވެ. އަކްޝޭ އާއި ފަރުދީން ކުރިން ވެސް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ފަރާ ޚާންގެ ކޮއްކޮ ސާޖިޖު ޚާން އަލަތުގެ ޑައިރެކްޝަން 2007 ގެ "ހޭ ބޭބީ" ގަ އެވެ.
ޕިންކްވިލާ އިން ބުނީ އަކްޝޭ އާއި ފަރުދީނާ އެކީ "ކޭލް ކޭލް މޭ" ބަތަލާއިންގެ ރޯލުން ފެންނާނީ ތާޕްސީ ޕައްނޫ އާއި ވާނީ ކަޕޫރް ކަމަށެވެ.
ފަރުދީން، 49، އަލުން 2021 ގައި އެކްޓިން އަށް ނުކުތީ ވަރަށް ގިނަ ދުވަހު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމަށް ފަހު އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ. "ވިސްފޮޓް" ގެ މަސައްކަތް ފަރުދީން ފެށީ، ވަރަށް ބޮޑަށް ފަލަވެފައި ވަނިކޮށް، ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ވެސް ގެނައުމަށް ފަހު އެވެ. އޭނަ ފިޓްކޮށް ހުންނަން ކުރާ މަސައްކަތްް މި ފަހުން ސޯޝަލް މީޑިއާ އިން ފެނެ އެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ވެސް ފަރުދީން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަރުދީނާއި އަންހެނުން ނަތާޝާ މަދުވާނީ ވަނީ ވަރިވާން ނިންމައިފަ އެވެ.
ފަރުދީންގެ "ވިސްފޮޓް" ގެ މަސައްކަތް ނިމިފައި އޮތަސް ބެލުންތެރިންނަށް އެ ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭނަ ކުޅުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ޖަންގަލް"، "ބޫތު" އަދި "ނޯ އެންޓްރީ" ހިމެނެ އެވެ.