Last Updated: June 13, 11:19
Saturday, June 13, 2026
ޚަބަރު

އައްޑޫގައި ވޯޓްލުން އޮމާންކޮށް

މަރަދޫ ސްކޫލްގެ ފޮއްޓަށް ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

ރިޔާސީ އިންތިހާބުގެ ވޯޓްލުން މިހާރު ކުރިއަށްދާ އިރު، އައްޑުގައި ވެސް ވޯޓްގެ ކަންކަން ވަރަށް އޮމާންކަމާ އެކީ ކުރިއަށް އެބަދެ އެވެ.

ހެނދުނު 8:00 ގައި މުޅި ރާއްޖޭގައި ވޯޓްލާން ފެށި އިރު، އައްޑުގެ ބައެއް އަވަށްތަކުގެ ބައެއް ފޮށިތަކުގައި ވޯޓްލާން ފެށުން ތަންކޮޅެއް ލަސްވި ނަމަވެސް މިހާރު ހުރިހާ މަރުކަޒެއްގައި ވެސް ވޯޓްލުން ދަނީ ކުރިއަށެވެ. މިހާތަނަށް ފާހަގަކުރެވިފައި ވަނީ ވޯޓްލާން ގިނަ ބަޔަކު ނުކުންނަމުންދާ އިރު، މާ ބޮޑެތި މައްސަތަކެއް ނެތި އަމާންކަމާއި އޮމާންކަމާ އެކީ ވޯޓްލުން ކުރިއަށްދާ ކަމެވެ.

މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

ނަމަވެސް އައްޑޫގައި ވޯޓްލާ ބައެއް މަރުކަޒުތަކުގެ ކުރިމައްޗާ ދިމާލަށް ބައެއް ޕާޓީތަކުގެ ޓެންޓްތަކާއި ބޯޑްތައް ބެހެއްޓުމުން އެ ތަކެތި ދުރުކޮށްފައިވެ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންގެ ސަޕޯޓަރުން ވީހާ ވެސް އަވަހަކަށް ވޯޓްލައި ނިންމުމަކަށްޓަކައި، ޕާޓީތަކުގެ އޮފިޝަލުން އައްޑޫގައި ވަރަށް ބޮޑަށް ހަރަކާތްރެރިވާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒުގެ ޓީމުންނެވެ.

މަރަދޫ ސްކޫލްގެ ފޮއްޓަށް ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

 

ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

އަށް ކެންޑިޑޭޓަކު ވާދަކުރައްވާ މިއަދުގެ އިންތިހާބުގައި 282،395 މީހުންނަަށް ލިބިގެންވެ އެވެ. މީގެ ތެރެއިން 27،000 އަށް ވުރެ ގިނަ މީހުންނަކީ އަލަށް ވޯޓްލާ މީހުންނެވެ. މާލެ ސަރަހައްދު ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 25،000 އަށް ވުރެ ގިނަ އެވެ.

މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

މި އިންތިހާބަށް އީސީން ރާއްޖެ އާއި ރާއްޖެ އިން ބޭރު ހިމެނޭ ގޮތަށް ޖުމްލަ 574 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓި 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.