ރިޔާސީ އިންތިހާބުގައި މެންދުރު 01:00 އާ ހަމައަށް 135،000 އަށްވުރެއް ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން ބުނެފައިވަނީ މެންދުރު 01:00 އާ ހަމައަށް ދިޔައިރު 135،422 މީހުން ވޯޓުލާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ 69،261 ފިރިހެނުންނާއި، 66،161 އަންހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 47.95 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމުލަ 246،232 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.