Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

މޮރޮކޯ ބިންހެލުމުގެ މަރުތައް 2،000 އަށް

މޮރޮކޯ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އިން މައްޗަށް އަރައިފި އެވެ.

މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީން ބުނީ 6.8 ގެ ބާރު މިނުގައި ހުކުރު ދުވަހު އައި ބިންހެލުމުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވުމުގެ އިތުރުން 1،400 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ބިންހެލުމުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އަލް ހައޫޒް ޕްރޮވިންސުންނެވެ. އަދި ގަދީމީ ޒަމާނުގެ އެތައް އިމާރާތެއް ހުންނަ މަރަކޭޝަން އިން ވެސް ބަޔަކު މަރުވިއިރު އެ ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ބިންހެލުމާ ގުޅިގެން މޮރޮކޯގެ ރަސްގެފާނު ވަނީ ހިތާމައިގެ ތިން ދުވަސް އިއުލާންކުރައްވާފަ އެވެ. އަދި އިމާރާތްތަކުގެ ދަށުގައިވާ ފަރާތްތައް ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެހީތެރިވާން އެގައުމުގެ އަސްކަރިއްޔާ އަށް އަމުރުކޮށްފައިވާއިރު ބިންހެލުމުގެ ސަބަބުން އަނިޔާވި ފަރާތްތަކަށް ލޭ ހަދިޔާކުރަން މޮރޮކޯ ރައްޔިތުން ވަނީ ހާއްސަ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

މިއީ 1960 ވަނަ އަހަރަށްފަހު މޮރޮކޯ އަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެވެ. މޮރޮކޯގެ އަގާދިރަށް 6.7 ގެ ބާރުމިނުގައި އެފަހަރު އައި ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.