ހުކުރު ދުވަހުގެ ރޭ މޮރޮކޯ އަށް އައި ބިންހެލުމެއްގައި ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު މަރުވުމާ ބަތަލާ ނޯރާ ފަތުހީ އަށް ބޮޑު ހިތްދަތި ކަމެއް ލިބިއްޖެ އެވެ.
އޭނަ އަކީ މޮރޮކޯ ދަރިކޮޅުގެ ކެނެޑާ ރައްޔިތެކެވެ. ބޮލީވުޑްގައި މިހާރު އެންމެ ވިދާ "އައިޓަމް ގާލް" ގެ ގޮތުގައި ފާހަގަކޮށްލެވޭ ނޯރާ އަކީ ދޭތެރެ ދޭތެރެ އިން މޮރޮކޯ އަށް ދަތުރު ވެސް ކުރާ މީހެކެވެ. ބިންހެލުމާ ގުޅިގެން އިންސްޓަގްރާމް ސްޓޯރީގައި އޭނަ އާންމުކުރި ޕޯސްޓެއްގައި އެ ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށް ބުނެފައިވެ އެވެ.
ނޯރާގެ ޕޯސްޓްގައި ބިންހެލުމާ ގުޅިގެން މޮރޮކޯ އަށް ލިބިފައި ވަނީ ކަންބޮޑުވާން ޖެހޭ ވަރުގެ ގެއްލުންތަކެއް ކަމަށާއި އެ ބިންހެލުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށް ބުންޏެވެ. އަދި އެ މީހުންނާ އެކީ ވާ ކަމަށާއި އޭނަގެ ހެޔޮދުއާ ވެސް އެ މޮރޮކޯގެ ރައްޔިތުންނަ އެކީގައިވާ ކަމަށް ބުންޏެވެ.

މޮރޮކޯ އަށް ރިކްޓާ މިންގަނޑުން 6.8 ބާރު މިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،000 އަށް އަރައިފަ އެވެ. އަދި ބިން ހެލުމުގެ އެންމެ ބޮޑަށް ކުރީ އެ ގައުމުގެ މަޝްހޫރު ސިޓީއެއް ކަމަށްވާ މަރަކޭޝްއަށެވެ
ހުކުރު ދުވަހުގެ ރޭގެ ބިންހެލުމަކީ 1960 ވަނަ އަހަރަށް ފަހު މޮރޮކޯ އަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ އަހަރު އެ ގައުމުގެ އަގާދިރަށް 6.7 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 12،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.