އިންޑިއާގެ ނުފޫޒު ގަދަ ކުރީގެ ޕްރޮސެކިއުޓަރެއް ކަމަށްވާ އުޖުވަލް ނިކަމްގެ ބައޮގްރަފިކަލް ޑްރާމާ މަޝްހޫރު އެކްޓަރު އާމިރު ޚާން ކުޅޭ ގޮތަށް ވާހަކަ ދެކެވެން ފަށައިފި އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާނީ އޭނަގެ އަމިއްލަ ފިލްމު ކުންފުނިންނެވެ. އުޖުވަލް އަކީ 1993 ގައި މުމްބާއީގައި ގޮއްވި ބޮމުގެ ހާދިސާ އާއި މަޝްހޫރު މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރު މަރާލި ހާދިސާތައް ފަދަ ބޮޑެތި މައްސަލަތަކުގައި ޕްރެސެކިއުޓަރެއްގެ ދައުރު އަދާކުރި ގާނޫނީ ވަކީލެކެވެ.
އުޖުވަލްގެ ބައޮޕިކް ޑައިރެކްޓްކުރާނީ ނެޝަނަލް އެވޯޑް ހޯދާފައިވާ 2014 ގެ މަރާޓީ ފިލްމު "ކިއްލާ" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އިން 2020 ގައި ގެނެސްދިން މަގުބޫލު ވެބް ސީރީޒް "ޕާޓަލް ލޯކް" ހެދި އަވިނާޝް އަރޫން އެވެ. ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ވަނީ އާމިރާ އެކީ މިހާރު ފިލްމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަން ކަށަވަރުކޮށް ދީފަ އެވެ.
މިއާ ބެހޭ ގޮތުން އަވިނާޝް ބުނީ ފިލްމު ޕްރޮޑިއުސްކުރަން އާމިރު ނިންމި ނަމަވެސް އޭނަ އެ ކުޅުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"އެކަމަކު އަހަރެން މި ފިލްމު ޑައިރެކްޓަރު ކުރަން ބޭނުން ވަނީ އޭނައާ އެކީ. އާމިރު ގާތު އަހަރެން ބުނަން ވެސް ބުނިން އޭނަ ނުކުޅޭ ކަމަށް ވަންޏާ ފިލްމު ޑައިރެކްޓް ނުކުރާނެ ކަމަށް." ރާނީ މުކަރްޖީގެ 2018 ފިލްމު "ހިޗްކީ" ކެމެރާކުރި އަވިނާޝް ބުންޏެވެ.
އެހެންވެ މިހާރު ކުރިއަށް ދަނީ އުޖުވަލްގެ ރޯލު ކުޅެން އާމިރު އެއްބަސްކުރުވުމުގެ މަސައްކަތެވެ. އަވިނާޝް ހުރީ އާމިރު އެއްބަސްވާނެކަމުގެ އުންމީދުގަ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާމިރުގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީއާ އެކީ އާމިރު ތިން ފިލްމެއްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ވެސް މީޑިއާތަކުން މީގެ ހަފުތާއެއްހާ ކުރިން ބުނެފައިވެ އެވެ. އެހެންވެ އާމިރުގެ އާ ފިލްމު ޑައިރެކްޓްކުރާނީ ސަންތޯޝީ ކަމަށް ބެލެވެ އެވެ. އޭނަގެ 1994 ގެ ފިލްމު "އަންދާޒު އަޕްނާ އަޕްނާ" ގެ އެެއް ބަތަލަކީ ވެސް އާމިރެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާމިރު، 58، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އެވެ.