ރާއްޖޭގައި ދެން ހަރުކަށި ފިކުރަށް ޖާގަ އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު މިއަދު ވިދާޅުވީ އެފަދަ ވެރިކަމެއް ދެން އަތުދެވާނެ ކަމަށް ބިރުވެރިކަން މިހާރު އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ހަރުކަށި ފިކުރަށް ޖާގަ ދީ އެގޮތަށް މިދިޔަ ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެކަމުގެ ބިރުވެރިކަން އޮތް ކަމަށް ނުދެކެން." ނަޝީދު ވިދާޅުވި އެވެ.
ބެލެވޭ ގޮތުން ނަޝީދުގެ މި ވާހަކަ އަކީ އިއްޔެ އިންތިހާބުން ކުރި ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒާ ދެވަނަ ބުރުގައި ބައިއަތު ހިއްޕަވާނެ ކަމަށް ނަޝީދު ދެއްވި އިޝާރާތެކެވެ.
ރައސް އުބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރެއްވި އިރު، އިންތިހާބުގައި މުއިއްޒު ވަނީ ރައީސްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ ވަރަށް ދެ ބޭފުޅުންނަށް ވެސް ވޯޓް ލިބިފައި ނުވާތީ، އިންތިހާބުފގެ ދެވަނަ ބުރެއް އޮންނާނެ އެވެ.
ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. މުއިއްޒު ރޭ ވިދާޅުވީ ދެވަނަ ބުރު ވަރަށް ފަސޭހަ އިން ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.