އަނިޔާވެރިވާ ފަރާތަށް ރަހްމުކުރުމުގެ ބަލި (ސްޓޮކްހޯމް ސިންޑްރޯމް ) ދިވެހިންނަށް ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ރޮޒައިނާ ވިދާޅުވީ ދިވެހިންނަށް މި ބަލި ޖެހުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކަމަށެވެ.
"ކާން ނުދީ ތިން ދުވަހު ބައިންދާފައި ހަތަރު ވަނަ ދުވަހު ކާއެތިކޮޅެއް ދިނީމާ ހިތަށް އަރާނެ ހައްޔަރު ކޮށްގެން އުޅޭ މީހާ ހާދަ ރަނގަޅޭ. މިގޮތަށް ގޮސް އިރުކޮޅަކުން އެތައް އަނިޔާއެއް ދޭ ފަހުން އެއްކަލަ އަނިޔާ ކުރާ މީހާއާ ދޭތެރޭގައި އުފެދޭ ގުޅުމެއް، އެ މީހާއަށް ޝުކުރުވެރިވާން ދަސްވެގެންދާ ދިއުން." ރޮޒެއިނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަށް އިޝާރާތް ކުރައްވައި ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި އެ މަނިކުފާނު ބޭނުންކޮށްފައި "އެއް ދުވަހު ގަލެއް ބާއްވައިދީފައި، އަނެއް ދުވަހު ރުކެއް ޖަހައި ދިނީމާ ދިވެހި ރައްޔިތުން މި ތެބެނީ ވަރަށް އުފަލުން" ކަމަށާއި ރައީސް ޔާމީން ވެސް އަމަލުކުރައްވަމުން ގެންދަވަނީ އެ އުސޫލުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެ އުސޫލުން ރައީސް ޔާމީން ކުރެއްވި ކަންތައްތަކުގެ ގޮތުގައި ރޮޒައިނާ ފާހަގަ ކުރެއްވީ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން ވަކިކުރަން ނިންމުމާއި ކާޑުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީން ނަގަން ނިންމުމެވެ. އެ ނިންމުންތައް ފަހުން ބަދަލުކުރުމުން އެއީ، ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކޮށްދެއްވި ކަމަކަށް ހަދާ ކަމަށާއި އެކަމަށް ބައެއް ފަރާތްތަކުން ޝުކުރު އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ރައީސްކަމަކީ ރައްޔިތުންނަށް އޯގާތެރިވެގެން ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ބިރު ދައްކައި ރައްޔިތުންނަށް އިހާނެތި ގޮތްގޮތް ހަދަމުންދާ މަންޒަރު ކަމަށެވެ.
"މިހާ ހިސާބަށް ކަންތައްތައް ދިޔައީމާ އަޅުގަނޑުމެން މަގުމައްޗަށް ނުކުތީމާ ކޮންމެހެން ހިނި އަންނާނެ ކަމެއް ނެތް. އަޅުގަނޑުމެން ކައިރިއަށް އެއްގޮތަކަށް ވެސް ހިންޏެއް ނާދޭ އަޅުގަނޑުމެންގެ ދަރިންގެ ފޮތްތައް ނުލިބިގެން އުޅޭ އިރަކު،" ގްރޭޑް 1-3 ގެ ދަރިވަރުންގެ އިސްލާމާއި ދިވެހި މާއްދާގެ ޓެކްސްޓް ފޮތްތައް ނުލިބޭ މައްސަލައަށް އިޝާރަތް ކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.