ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ފުނޑާލީ އަދި ރޫޅާލީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖް ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އެހެންނަމަވެސް އޮގަސްޓް މަހުގެ ތެރޭގައި މޫސާ ސިރާޖް ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގައި މުޅި ލ. އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައިވަނީ 39 ޕަސެންޓް ވޯޓެވެ. އަދި މުއިއްޒުވަނީ 56 ޕަސެންޓް ހޯއްދަވާފައެވެ.
އެކަމާ ގުޅިގެން މޫސާ ސިރާޖް ވިދާޅުވީ ލާމު އަތޮޅުން މިސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.
"ލާމު އަތޮޅު ރައްޔިތުން ނިންމީ ބޯގަންވިލާއާ ފައްޔާޒަށް ލާމުގައި ބޭނުންހާ ގަނޑެއް ނުގަނެވޭނެކަން." މޫސާ ސިރާޖް ވިދާޅުވިއެވެ.
މީގެއިތުރުން މޫސާ ސިރާޖް ވިދާޅުވީ އެމްޑީޕީ ފުންޑާލީ އަދި ރޫޅާލީވެސް ފައްޔާޒް ކަމަށެވެ.
"އެމްޑީޕީ ފުޑާލީ ސީދާ ފަޔާ. އެމްޑީޕީ ރޫޅާލީވެސް ސީދާ ފަޔާ. ރުންކުރުކަމާ ވާނުވާ ނޭންގުމާ ބޮޑާ ހޭކުމުގެ އިންތިހާ." މޫސާ ސިރާޖް ވިދާޅުވިއެވެ.
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގައި މުސާ ސިރާޖު ނިސްބަތްވެވަޑައިގަންނަވާ ލ. އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނީ 3834 ވޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 5047 ވޯޓު ލިބުނެވެ.
އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 46 ޕަސެންޓު ހޯއްދަވާފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.