ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހާއްސަ ރެލީއެއް ބާއްވަން ނިންމައިފިއެވެ.
މިރޭ އާޓިފިޝަލް ބީޗުގައި 8:30 ގައި ފަަށަން ހަމަޖެހިފައިވާ ރެލީ އަކީ "ޝުކުރީއްޔާ ދިވެހިން" ނަމުގައި ބާއްވާ ހާއްސަ ރެލީއެކެވެ. މިއީ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެންމެ ގިނަ ވޯޓު ހޯއްދެވުމާއި ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ. އަދި ބެލެވޭ ގޮތުން މިރޭއިން ފެށިގެން ދެވަނަ ބުރަށް އިދިކޮޅުން ކެމްޕެއިން ހަރަކާތްތަށް ފަށާނެއެވެ.
ޝުކުރިއްޔާ ދިވެހީން
މި އިވެންޓަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަން #Vote4Muizzu#DrMuizzuSembe2023#DhiveheengeRaajje#FreePresidentYameen pic.twitter.com/jBiFSsKH3y
— Progressive Party of Maldives (@ProgressPartyMV) September 10, 2023
އީއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު 100،000 އަށް ގިނަ ވޯޓް ހޯދި އިރު، ރައީސަށް ލިބިވަޑައިގެންފައި ވަނީ 85،000 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެއްވީ ރައީސް ނަޝީދުގެ ތާއީދާއެކު، ދަ ޑިމޮކްރެޓްސްއިން ވާދަ ކުރެއްވި އިލްޔާސް ލަބީބް އަށެވެ.
މި ނަތީޖާއާ އެކީ މިހާރު އޮތީ ދެވަނަ ބުރަކަށް ދާން ޖެހިފަ އެވެ. އެ ބުރުގެ ވޯޓްލުން އޮންނާނީ މި މަހުގެ 30 ގައެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ކޯލިޝަނަށް ކާމިޔާބު ލިބުނީ އައްޑޫ އަދި އދ. އަތޮޅުން އެކަނިއެވެ. ބާކީ ހުރިހާ އަތޮޅެއްވެސް އިދިކޮޅުން ނަގާފައިވާއިރު، އިންތިހާބުގެ ދެވަނަ ބުރުގައި އެހެން ބަޔަކާއި އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ބައިވެރިވި ރިޔާސީ އިންތިހާބުގައި، ނަތީޖާ އައި ގޮތުން އިދިކޮޅުން ވަނީ ދިވެހިންގެ އަޑު އިއްވައި ދީފި ކަމަށް ބުނެފައެވެ. އަދި މިހާރު އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވަނީ ބުނެފައެވެ.