ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނަތީޖާއަކީ އޭނާގެ ސިޔާސީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހައިރާންކަން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހަގީގަތް ގަބޫލުކޮށް އަދި ހަޖަމުކޮށްގެން، ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް ސޯލިހަށް މިއިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށެވެ.
"މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނު ފަހަރު." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 45% ހޯއްދެވިއިރު ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވި ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދު 47% ހޯއްދަވާފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ބުރު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25% ހޯއްދެވީ ރައީސް އަބްދުﷲ ޔާމީންކަން މަހުލޫފް ފާހަގަ ކުރެއްވިއެވެ.
ތާރީޙުގައި ކަންހިނގާފައި އޮތްގޮތަށް ބަލާއިރު ދެވަނަ ބުރު ރައީސް ސޯލިހަށް ކާމިޔާބު ކުރެވޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ގަދައަޅާ މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.
އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 46 ޕަސެންޓު ހޯއްދަވާފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.