ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު އެޖެންޑާގައި ހިމަނާފައިވަނީ އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައިސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ.
މާދަމާގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައެވެ.
މަޖިލީހުގެ ޖަލްސާތައް މި ދައުރުގައި ރަނގަޅަށް ނުބޭއްވުނީ ކެމްޕޭންގައި މެންބަރުން އުޅުއްވުމުން މަޖިލީހުގެ ކޯރަމް ހަމަނުވެގެންނެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ނަތީޖާ އިއްޔެ ވަނީ ސާފުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. މިމައްސަލައިގައި ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 މެންބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.
މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެއް މަދުނޫންް އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ. މި ޤާރާރު ފޮނުވާ ލިޔުމުގައި މަގާމުން ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.