ކޯލިޝަން ހެދުމާމެދު ޕާޓީތަކާއެކު މަޝްވަރާ ކުރަން ތައްޔާރަށް ތިއްބެވި ކަމަށާއި އިސްކަން ދޭނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ ގޮތެއް ނިންމާނީ ޕާޓީގެ އެތެރޭގައި މަޝްވަރާ ކުރުމަށްފަހު ކަމަށާއި ހުރިހާ ފަރާތްތަކާ އެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރކަން ފާހަގަ ކޮށް އިލްޔާސް ވިދާޅުވީ ގޮތެއް ނިންމުމުގައި އިސްކަން ދޭނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން އިސްކަން ދޭނީ އަޅުގަނޑުމެން ގަބޫލުކުރާ، ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތްތައް ހޯދުމަށް، އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތަކަށް އެއްބަސްވާން. އަދި މި ޕާޓީއަށާއި ޕާޓީގެ ވިސްނުމާއި ފަލްސަފާ އަދި ޕްރިންސިޕަލްސް، ވެލިއުސް އެއަށް އެލައިން ކުރެވޭނެ ކަންތައްތައް އަޅުގަނޑުމެން ވާހަކަ ދައްކާނީ އަޅުގަނޑުމެން ވާހަކަ ދައްކާ ޕާޓީތަކާ އެކީ" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އަދި އެއްވެސް ޕާޓީއަކާ އެކު މަޝްވަރާތައް ނުފައްޓަވާ ކަމަށާއި، މަޝްވަރާ ކުރިއަށްގެންދާނީ ޕާޓީތަކާއެކު މަޝްވަރާ ކުރާނެ ކަންތައްތައް ޕާޓީގެ އެތެރޭގައި ނިންމުމަށްފަހު ކަމަށެވެ.
އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގައި އިލްޔާސްއަށް 15،539 ވޯޓާއެކު ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ ވޯޓުލީ މީހުންގެ 7.07 އިންސައްތައެވެ.
އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ ވޯޓުލީ މީހުންގެ 46 ޕަސެންޓު ހޯއްދަވާފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.