Last Updated: August 15, 11:13
Friday, August 15, 2025
ޚަބަރު

މިއީ އަދި ފެށުމެއް، ހޯދުނީ ރަނގަޅު ކުރިއެރުމެއް

ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ހޯދި ކާމިޔާބީއަކީ ރަނގަޅު ފެށުމެއް ކަމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ މޭ 24 ވަނަ ދުވަހުން ފެށިގެން ކުރި މަސައްކަތުން ޕާޓީއެއް އުފައްދާ މެނިފެސްޓޯއެއް އެކުލަވާލާ ރިޔާސީ އިންތިހާބުގައި ވާދަކޮށް މިހާހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ހޯދި ކާމިޔާބީއަކީ ރަނގަޅު ފެށުމެއް ކަމަށެވެ.

"މިއީ އަދި ފެށުމެއް. މި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މި ޕާޓީން ފަށައިގަނެފަ އޮތް ދަތުރަކީ އަދި ފެށުމެއް. ރާއްޖޭގަ ބޭއްވޭ އެންމެ ބޮޑު އިންތިހާބު، ރިޔާސީ އިންތިހާބުގައި ބައިވެރިވެ މިހިސާބަށް އާދެވިފަ ތިބުން މިއީ އަޅުގަނޑު ދެކޭގޮތުގައި ރަނގަޅު ކުރިއެރުމަށް." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްއިން އަދަބުވެސް އިސްކަން ދޭނީ ރާއްޖެއަށާއި ޕާޓީގެ މެންބަރުންގެ ވިސްނުމާއި ޕާޓީން ގަބޫލުކުރާ ފަލްސަފާތަކާއި ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމަށް ކަމަށެވެ. ޕާޓީން ކުރިއަށްދާނީ އެގޮތުގެ މަތިންކަމަށްވެސް ވިދާޅުވިއެވެ.

ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ކުރިއަށް ހުރިކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ރައްޔިތުން އުންމީދުކުރާ ކަންތައްތައް ހާސިލުކުރުމަށް ޑިމޮކްރެޓްސްއިން ފެށި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގައި އިލްޔާސްއަށް 15،539 ވޯޓާއެކު ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ ވޯޓުލީ މީހުންގެ 7.07 އިންސައްތައެވެ.