Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

ސަރުކާރުން އަންގައިގެން ފުލުހުންނަށް ޕްރޮމޯޝަން ނުދޭ

ފުލުހުންގެ އޮފިސަރުން ތަކެއް / ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އަންގައިގެން އެއްވެސް ފުލުހަކަށް ޕްރޮމޯޝަނެއް ދީފައި ނުވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

"ދިޔަރެސް" ނޫހުގައި "ސަރުކާރަށް ތާއީދު ހޯދުމަށް 300 ފުލުހުންނަށް ޕްރޮމޯޝަން ދެނީ" މި ހެޑްލައިންގެ ދަށުން ލިޔެފައިވާ ޙަބަރާއި ގުޅިގެން ދިވެހި ފުލުހުން ވިދާޅުވީ، ފުލުހުންގެ ޕްރޮމޯޝަން ދެނީ ފުލުހުންގް ޕްރޮމޯޝަން ބޯޑު ކަމަށެވެ. އެގޮތުން މިއީ ފުލުހުންގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ މަތިން ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރުން އެއްވެސް ފުލުހަކަށް ޕްރޮމޯޝަން ދިނުމަށް އަންގާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އިންތިހާބާއި ގުޅިގެންވެސް، އަދި އެނޫން އިރެއްގައިވެސް މިދިޔަ 5 އަހަރު ތެރޭ އެއްވެސް ފުލުހަކަަށް ޕްރޮމޯޝަން ދިނުމަށް ސަރުކާރުން އަންގާފައިނުވޭ." ފުލުހުން ބުނިއެވެ.

ދިޔަރެސް ނޫހުގައި ލިޔެފައިވާ ޙަބަރަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިގޮތުން ފުލުހުންނާއި ގުޅޭގޮތުން ތަކުރާރުކޮށް ފުލުހުންގެ ޚިދުމަތުގެ އެއްވެސް ބަހެއް ހޯދުމަށް މަސައްކަތް ނުކޮށް ތަކުރާރުކޮށް މިފަދަ ޙަބަރުތައް ގެނެސް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަން ފުލުހުން ވަނީ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާއި ޚިލާފަށް މިފަދަ ޢަމަލުތައް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.