Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އިހުތިޖާޖެއް

މަރަދޫގެ މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން / ފޮޓޯ: އަހުމަދު އަމަން - ސޯޝަލް މީޑިއާ

ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަށް ހައްލުކޮށް ދިނުމަށް އައްޑޫގައި މަސްވެރިން އިހުތިޖާޖު ކޮށްފިއެވެ.

މިއަދު ހަވީރު މަރަދޫ ބަނދަރުން ފެށި އިހުތިޖާޖުގައި، މަސްވެރިން މަހުގެ މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މަހުގެ އަގު ދަށް ކޮށްލުމުގެ ސަބަބުން، މަސްވެރިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ބައެއް މަސްވެރިން ވަނީ ބުނެފައެވެ. އެމީހުންގެ ޑިމާންޑަކީ މަހުގެ އަގު މަދުވެގެން 20ރ. އަށް ވުރެ ދަށް ނުކުރުމެެވެ.

"މަރަދޫއަކީ މަސްވެރި ރަށެއް. މިދިޔަ ފަސް އަހަރު މަރަދޫގެ ދޯނިތަކަށް 7.8 މިލިއަން ރުފިޔާގެ ގެއްލުން. މީގެ މަސްވެރިކަމި އެތެރެ އާންމު މަސްވެރިއަކާށް ވެނީ 4 ލައްކަ ރުފިޔާ ގެއްލިފެއި. " މަރަދޫ މަސްވެރިއެއް އެއްވުމުގައި ވާހަކަ ދައްކަވަމުން ބުނިއެވެ.

ބައެއް މަސްވެރިންގެ ފާހަގަ ކުރި ކަންކަމުގެ ތެރޭގައި މަސްވެރިން ބޭންކިންގް ނިޒާމުގެ ތެރޭގައި ބަލައި ނުގަންނަކަން ވަނީ ފާހަގަކޮށްފައެވެ. އަދި މަސްވެރިން އަދާ ކުރަނީ ވަޒީފާއެއް ނޫން ކަމަށް ބޭންކުތަކުން ބުނާކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. މީގެ އިތުރުން ތެލުގެ އަގުބޮޑުވުމާއި މި ސަރުކާރުން މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށްވީ ވަޢުދު ނުފުއްދޭ ކަމަށްވެސް މަސްވެރިން ވަނީ ޝަކުވާ ކޮށްފައެވެ.

މަރަދޫގެ މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން / ފޮޓޯ: އަހުމަދު އަމަން – ސޯޝަލް މީޑިއާ

މަރަދޫގެ މަސްވެރިން ވަނީ މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށް ބުނެފައެވެ. އެގޮތުން މަސްވެރިންގެ ޑިމާންޑުތައް އަޑުއަހައި އެކަން ހައްލުކޮށްދޭނެ ވެރިއަކާއި އެކު މަސްވެރިން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ބުނިއެވެ. މި އެއްވުމުގައި މަރަދޫގެ ކައުންސިލަރ އަހުމަދު ނާދިރު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވަނީ މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

"ފާއިތުވެގެން ދިޔަ ހަތަރު އަހަރު މަރަދޫގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ކޮންމެ ސަރުކާރެއް އޮތަސް މަސްވެރިން މަސްވެރިންގެ ހައްޤު ހޯދުމަށް ވަކާލާތު ކުރަން ޖެހޭ. އިރާދަ ކުރެއްވިއްޔާ މަސްވެރިންނަށް މި ދިމާވާ ދަތިތައް ކުރިއަށް އޮތް ތަނުގައި ހައްލުވުމަށް އަޅުގަނޑުވެސް އެދެނީ" ނާދިރު ވިދާޅުވިއެވެ.

މަރަދޫ ބަނދަރުގައި މަސްވެރިންގެ ޝުޢޫރު ފާޅުކުރުމަށް ފަހު، ވެހިކަލް ބުރެއްގައި ފޭދޫ ބަނދަރާއި ހަމައަށް މަސްވެރިން ގޮސްފައެވެ. އަދި ފޭދޫ ބަނދަރުގައިވެސް އިހުތިޖާޖުކޮށް ޝުޢޫރު ފާޅުކޮށްފައިވެއެވެ. މަރަދޫގެ މަސްވެރިންގެ އިހުތިޖާޖުގައި މިއީ ދެކުނުގެ ހުރިހާ މަސްވެރިންގެ ޝުޢޫރު ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މަސްވެރިންގެ އަޑު އަހާނެ ސަރުކާރެއް ދެން އުފެދިގެން ދިއުމަށް އެދޭ ކަމަށް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.