ހިތަދޫ ފީހަރައަކުން ކުޑަކުއްޖަކާއި އެކު ނިކުތް މީހަކަށް ވަޅިން ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ހަވީރު އައްޑޫސިޓީ ހިތަދޫގައި ހިނގި މިހާދިސާގައި، މަންޒަރުތައް ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހަމައެކަނި ސޯޓު ބުރިއެއް ލައިގެން ހުރި ފިރިހެން މީހާ ހުރީ ފިހާރަ ކުރިމައްޗަށް މަގުމަތީގައެވެ. އޭނާ ކައިރިއަށް އެވަގުތު ދުއްވަމުން ދިޔަ މީހެއް މަޑުވެސް ކޮށްލިއެވެ. އެވަގުތު ފިހާރައިން ކުޑަ ކުއްޖަކާއި އެކު މީހަކު ބޭރަށް ނިކުތެވެ.
އެމީހާގެ ސައިކަލު ކައިރީ މިމީހާ ހުއްޓިލައިގެން ހުރެފައި، ސައިކަލަށް އަރަން އުޅެނިކޮށް އޭނާ ވަނީ ފަހައިގެންފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނީ އޭނާ އަތުގައި ވަޅިއެއް އެވަގުތު އޮތް ކަމަށެވެ. އެ ވަގުތު އޭނާ އާއިއެކީ ހުރި ކުއްޖާ ހުރީ ސައިކަލު ނެރެން ދެން މަގު މެދުގައެވެ.
މިމައްސަލާގައި މި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިމީހާ ހައްޔަރު ކުރިނަމަވެސް ބަނދާއި މެދު ގޮތެއް ނުނިންމައެވެ. އެއީ އޭނާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހަކަށް ވުމެވެ. އޭގެ ބަދަލުގައި ކައުންސިލާއި ޖެންޑާ ގުޅިގެން އޭނާ އެހީ ދޭ މަރުކަޒަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.