ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން އައްޑޫ ސިޓީ މަރަދޫ ތަދްރީސުލް ޤުރުއާނުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިމާމް ސެޓްފިކެޓް ކޯސް ލެވެލް 1 ގެ ކޯހުގެ ބައިވެރިންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހަވީރާއި ރޭގަނޑު ކިޔެވުން އޮންނަ މިކޯހުގެ އޮރިއެންޓޭޝަން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޢަބްދުﷲ ޠައްޔިބުއެވެ.
މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. ކޯސް ނިމުމަށްފަހު ލެވެލް 2 ގެ ކޯސް ވީހާވެސް އަވަސް މުއްދަތެއްގައިފެށޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި ކައިރި މުސްތަޤްބަލެއްގައި މަތީ ފެންވަރުގެ ކޯސްތަކެއް ކުރިޔަށް ގެންދިއުމަށް ތަޞައްވުރެއް ގެންގުޅުއްވާ ކަމަށް ތަދްރީސުލް ޤުރުއާނުން މައުލޫމާތު ދެއެވެ.
2014 ވަނަ އަހަރުގެ ޖެނުއަރީގައި ތަދްރީސް ގުރުއާން ކްލާހުން އައްޑޫގައި ހިންގުމަށް މަސައްކަތްކޮށް، ތަފާތު ސަބަބުތަކާހެދި ނުފެށި ލަސްވެފައިވާ މި ކޯސް ހިންގާ ތަދްރީސު ގުރުއާން ކްލާހަކީ ގުރުއާނާ ބެހޭ މަރުކަޒުގެ މުގައްރަރާއެއްގޮތަށް ކިޔަވައިދޭ މަރުކަޒެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ކްލާހެކެވެ.