އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލުކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އުޅުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ބޭކާރު ކަމެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ޔޫރަޕްގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ތެރެއިން ތެރެއިން ބެލްޖިއަމްގެ ބްރަސެލްސްގަ އަލް ޖަޒީރާ އަށް ދެއްވި އިންޓަވުއެއްގައި ވިދާޅުވީ ގައުމުގެ ނަން ބަދަލުކުރުމަކީ އެއްވެސް ގޮތަކުން ފައިދާ ހުރި އަދި މާނައެއް އޮތް ކަމެއް ވެސް ނޫން ކަމަށެވެ.
އިންޑިއާގެ ނަން "ބާރަތު" އަށް ވެރިކަން ކުރާ ބީޖޭޕީ ސަރުކާރުން ބަދަލުކުރަން މަސައްކަތްކުރަން އުޅޭކަމުގެ އަޑުތައް ފެންމަތިވެ، އެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށުނީ މިދިޔަ ހޮނިހިރު ދުވަހު އެ ގައުމިގައި ފެށި ޖީ20 ސަމިޓަށް ވަޑައިގެންނެވި ބޭފުޅުންނަށް އިންޑިއާގެ ރައީސް ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ދައުވަތުގައި "ބާރަތުގެ ރައީސް ދައުވަތު އަރުވާ" ކަމަށް ލިޔެފައި އޮތުމާ ގުޅިގެންނެވެ.

މިކަން ގިނަ ބައެެއްގެ ސަމާލު ކަމަށް އައުމާ އެކީ ބީޖޭޕީގެ ބައެއް ވެރިންނާއި އެ ޕާޓީ އަށް ތާއީދުކުރާ ހަރުކަށި ހިންދޫން ދަނީ އެކަމަށް ތާއީދުކޮށް، އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލުކުރަން ޖެގޭ ކަމަށް ބުނަމުންނެވެ. މިހާރު ކުރިއަށްދާ ޖީ20 ސަމިޓްގެ ތެރޭގައި ވެސް ނަން ބަދަލުކުރުމާ ބެހޭ ވާހަކަތަކެއް މޯދީ ދައްކަވާފައިވެ އެވެ.
ސަރުކާރުގެ މި ޕްލޭނަށް ފާޑު ވިދާޅުވެ، ރާހުލް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ސަރުކާރުން އިހުމާލުވާ ވާހަކަ އާއި ސަރުކާރު ޒިންމާދާރުކަން ކުޑަކަމުގެ ވާހަކަ އިދިކޮޅުން ދައްކަން ފެށުމުން ސަރުކާރުން އަބަދު ވެސް ކޮންމެވެސް "ޑްރާމާއެއް" ކުޅެ ރައްޔިތުންގެ ސަމާލުކަން ހޯދަން މަސައްކަގްކުރާ ކަނަށެވެ.
އިންޑިއާގެ ނަން ބަދަލުކުރަން އުޅުމަކީ ވެސް އެފަދަ "ޑްރާމާއެއް" ކަމަށް ރާހުލް ވިދާޅުވި އެވެ.

ކޮންގްރެސްގައި އިސްކޮށް އުޅުއްވާ ސޯނިއާ ގާންދީގެ ދަރިކަލުން ވިދާޅުވީ މި ދަނޑިވަޅުގައި މޯދީ ގައުމުގެ ނަން ބަދަލުކުރެއްވުމުގެ ކަންތައްތަކާ އުޅުއްވަނީ، އޭނަގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު 26 ޕާޓީއަކުން "އިންޑިއާ" ގެ ނަމުގައި އިއްތިހާދެއް ހެދުމުން އެކަން ހަޖަމުނުވެގެން ކަމަށެވެ. އެ އިއްތިހާދުގެ ދިގު ގޮތަކީ އިންޑިއަން ނެޝަނަލް ޑިވެލޮޕަންޓަލް އިންކްލޫސިވް އެލަޔަންސް (އިންޑިއާ) އެވެ.
ރާހުލް ވިދާޅުވީ އެ ނަމުގައި އިއްތިހާދެއް ހެދީ އެއީ މި ވަގުތަށް އިންޑިއާ ވަރަށް މުހިއްމުވެފައި އޮތް ކަމަކަށްމުން ކަމަށެވެ.
"އެ ރަމްޒުކޮޑް ދެނީ ގައުމުގެ އަޑު." އޭނަ ވިދާޅުވި އެވެ.
އިންޑިއާގެ ނަން "ބާރަތު" އަށް ބަދަލުކުރުމުގެ ވާހަކަ މިހާރު އޮތީ ގައުމީ ބޮޑު ބަހުސަކަށްވެފަ އެވެ.