ވ. ރަކީދޫ، މެރިންކޯނާގައި މިދިޔަ މަހު 28 ވަނަ ދުވަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލުގެ މަރާ ގުޅިގެން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަަލަ ބެލުމަށް އެ ކޮމިޓީގެ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ނުބާއްވައިފިނަމަ މަޖިިލިސް މެމްބަރުން އަމިއްލައަށް އެ މަސައްކަތް ކުރަން ފަށާނެ ކަމަށް އެ ކޮމިޓީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މަދަދުވެރިންގެ ނަމުގައި ނަލަހިޔާ ކައިރީގައި ބޭއްވި އެއްވުމެއްގައި ރޮޒެއިނާ ވިދާޅުވީ އެ ކޮމިޓީގެ ބައްދަލުވުން މި ހަފްތާގެ ތެރޭގައި ބާއްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވާ ކަމަށެވެ. މެމްބަރުން ޗުއްޓީގައި ތިއްބެވި ކަމަށް ވިދާޅުވެ ކޮމިޓީގެ ބައްދަލުވުން ނުބޭއްވުމަކީ ގަބޫލްކުރެވޭނެ އުޒުރެއް ނޫން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
“ކޮމިޓީގެ ބައްދަލުވުން ނުބޭއްވި ގިނަ ދުވަސް ވަމުންދާތީ އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވޭ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވެސް އެ ބަހުރި ވަރަށް ބައިވަރު ސުވާލު އުފެދޭ ކަންތައްތައް، އެގޮތުން އެކަންތަައްތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އެބަ ބޭނުންވޭ ޖެންޑާ މިިނިސްޓްރީއާ ސުވާލުކުރަން، އެ މަސައްކަތް ކުރެވެން އޮތީ ކޮމިޓީ ބާއްވައިގެން، އެހެންވީމަ ކޮމިޓީ ބާއްވަން ފުރުސަތު ވެސް ދޭނަން، އެހެންނަމަވެސް މިހަފްތާގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ނުބާއްވައިފިނަމަ އަޅުގަނޑުމެން އެމްޕީސް ވަކިން ވެސް ޖެންޑާ މިނިސްޓްރީއަށް ގޮސްގެން ވެސް އެ މައުލޫމާތު ހޯދާނަން،” ރޮޒެއިނާ ވިދާޅުވި އެވެ.
ގިނަ ފަރާތްތަކުން ބުނާގޮތުގައި އިބްތިހާލްގެ މައްސަލަ އޭގެ ހާލަތު ތިލަވަމުން ދާވަރަށް ފެންނަމުންދަނީ ކަމާބެހޭ މުވައްސަސާތަކުން އެބާވަތުގެ ކަންކަމުގައި ގެންގުޅެފައިވާ ބޮޑެތި ލޮސްތަކާ އެފަދަ ކަންކަމުގައި ޒިއްދާރުކަމެއް އެއްގޮތަކަށްވެސް ނެތްތަންކަން ދަނީ ހާމަވަމުންކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ އެފަދަ ކަންތަކުން ރެކި ޒިއްމާދާރު ވާންޖެހޭ ފަރާތްތައް ކުށުން ބަރީއަ ވުމަށް މަސައްކަތް ކުރަމުންދާތަން ކަމަށާ ކަމާބެހޭ މުއައްސަސާތަކުގެ އާދައިގެ ދެރަ ވަޒީފާ ތަކުގައި ތިބޭމީހުންގެ ބޮލަށް އެކަން ކަނޑާލާފައި ނިންމާލަން މަސައްކަތް ކުރަަމުންދާތަން ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ.
ޖެންޑާ މިނިސްޓްރީން މީގެކުރިން ހާމަކުރި މައުލޫމާތުތަކުގައިވަނީ އިބްތިހާލްގެ މަންމަ އިބްތިހާލަށްއަނިޔާކުރާ މައްސަލަ ޖެންޑަ މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީގެ ޓީމަކާއި ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލަ ބެލިއެވެ. މި ޓީމުތައް އެރަށް ދިޔައިރު އިބްތިހާލް ބަލަމުން ދިޔައީ މަންމަ ނޫން ކަމަށާއި އެވަގުތު އިބްތިހާލް ބަލަހައްޓަމުން ދިޔަ މީހުންގެ ގާތު އިބްތިހާލް ބެހެއްޓުމަށް މިނިސްޓްރީގެ ޓީމުން އެދުނު ކަމަށް ޖެންޑާއިން ހާމަކުރެއެވެ. ނަމަވެސް އޭރު އިބްތިހާލް ހުރީ ކުރީން މިދެންނެވި ދުރުތާ ތިމާގެ އޭނާގެ ދައްތަގެ ގޭގައި ކަމަށް ވާއިރު އޭނާވަނީ މިނިސްޓްރީ ފަރާތުން ދީފައިވާ މިމައުލޫމާތު ދޮގުކޮށްފައެވެ.