Last Updated: August 15, 11:13
Friday, August 15, 2025
ޚަބަރު

އެމްޑީޕީން އެދިގެން ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އެދުމަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރެެއިން 25 މެންބަރުން ސޮއި ނަގާފައިވާ ކަމަށެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް 22 މެންބަރުންގެ ސޮއި ބޭނުންވާކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިތުރު 8 ބޭފުޅަކު ސޮއި އަނބުރާ ނުގެންދަވަނީނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މި މައްސަލަ އަނބުރާ ގެނައުމަށް ނިންމާ ފާސްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ޕީޖީ ގްރޫޕުން ނިންމާފައިވާ ގޮތަށް އަމަލުކުރުމަށްޓަކައި އިތުރަށް ބޭނުންވާ ސޮއި ހަމަކޮށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. އެހެންކަމުން އިދާރީ ގޮތުން ބައެއް ކަންކަން ކުރުމަށް ވަގުތުކޮޅެއް ބޭނުންވާތީ މަޖިލިސް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލުމަށް ވަނީ އެދިފައެވެ.

ޝަރީފްގެ މި ހުށަހެޅުމަށް މެންބަރު އަލީ އާޒިމް އަދި މެންބަރު އަހުމަދު އާމިރު ވަނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެހެންކަމުން ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވަނީ ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ.