Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ދޭވްގެ 100 ވަނަ އުފަން ދުވަހަށް ފެސްޓިވަލެއް

ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ހިންދީ ސިނަމާގެ ކުރީގެ ލެޖެންޑް، ދޭވް އާނަންދުގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރަން އޭނަގެ ފިލްމުތަކެއް އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މިކަން އިންތިޒާމުކުރާ ފިލްމު ހެރިޓޭޖަން ފައުންޑޭން (އެފްއެޗްއެފް) އިން ބުނީ "ދޭވް އާނަންދު@100: ފޯއެވާ ޔަންގް" ނަމުގައި ކުރިއަށް ގެންދާ ފެސްޓިވަލްގައި އިންޑިއާގެ އެކި ހިސާބުތަކުގެ 30 ސިޓީއެއްގައި ދޭވް އާބަންދުގެ ވަރަށް ހާއްސަ ހަތަރު ފިލްމެއް މި މަހުގެ 23-26 އަށް ދައްކަން ހަމަޖެހިފައިވާ ކަމަށެވެ.

އެ ހަތަރު ފިލްމަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ވެސް ހިމެނޭ ސީއައިޑީ (1956) އާއި ގައިޑް (1965) އާއި ޖުވެލް ތީފް (1967) ގެ އިތުރުން ޖޯނީ މޭރާ ނާމް (1970) އެވެ.

ދޭވް އާނަންދުގެ ކެރިއަރުގައި އަބަދަށްފެހި އެތައް ފިލްމެއް ކުޅުނެވެ. އޭނަ އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއް ވެސް މެ އެވެ. އުމުރުން 88 އަހަރުގައި ދޭވް އާނަންދު މަރުވީ ޑިސެމްބަރު 3، 2011 ގަ އެވެ. އޭނަ އުފަންވީ ސެޕްޓެމްބަރު 26، 1923 ގަ އެވެ.

ވަރަށް ތަފާތު އަދި މުޅިން އަމިއްލަ ސިގްނޭޗާ ސްޓައިލްގެ އެކްޓިން ހުނަރެއް ގެންގުޅުނު ދޭވް އާނަންދު އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅުނު 2011 ގެ ކްރައިމް ތުރިލާ "ޗާޖްޝީޓް" އެވެ. އޭނަ އަކީ ހިންދީ ސިނަމާގައި 1950 އާއި 1960 ގެ ތެރޭގައި އެންމެ ފާހަގަކޮށްލެވުނު އެއް އެކްޓަރެވެ.