Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކައި ގޯތި ދޭން މުއިއްޒުގެ ޖަވާބެއް ނެތް!

ހުޅުމާލެ 3 ހިއްކައި ގޯތި ދިނުމާއި ގުޅޭގޮތުން އާއްމުންގެ ބަޔަކު ރޭ ޑރ. މުއިއްޒު އާއި ސުވާލު ކުރެއްވުމުން ޖަވާބު ނުދެއްވައި ވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒުއަށް ލިބުނު ކާމީޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި މާލޭގެ އާއްމު ރައްޔިތުންތަކެއް ވަނީ ހުޅުމާލެ ފޭސް 3 ހިއްކައި ގޯތިދޭނަންތޯ ސުވާލު ކުރައްވާފައެވެ. އެ ސަުވާލު ތަކުރާރު ކުރެއްވުމުން ވެސް ޑރ. މުއިއްޒު ޖަވާބެއް ނުދެއްވިއެވެ. އަދި އެމަނިކުފާންގެ ސެކިއުރިޓީ ވަނީ އެ ސަރަހައްދުން އެމަނިކުފާން ދުރަށް ގެންދަވާފައެވެ.

ޑރ. މުއއްޒުގެ ފަރާތުން ޖަވާބެއް ނުލިބުމުން އެފެރާތުން ވަނީ ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ އަދުރޭ) އާއި ވެސް އެ ސުވާލު ތަކުރާރު ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ޑ. މުއިއްޒުގެ ގޯތީގެ ޕްލޭން އާއްމު ކުރައްވާފައިވާ ކަމަށާއި، ހުޅުމާލެ 3 އަށް ތަންފީޒު ކުރާނީ ރައީސް ޔާމީންގެ ޕްލޭން ކަމަށެވެ.

އަދުރޭ އެގޮތަށް ވިދާޅުވި އިރު ހުޅުމާލެ 3 އިން މި ސަރުކާރުން ހިއްކައި ގޯތި ދިނުމަށް ނިންމާފައިވާ ސަރަހައްދު ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުން ވަނީ އެސަރަހައްދު ޔޮޓް މެރީނާއަކަށް ތަރައްޤީ ކުރުމަށް ރާވާފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކަން ބޮސްކާލިސް އާއި ހަވާލުކޮށްފައިވާ އިރު ހިއްކާ ބިމުން މާލޭގެ ރައްޔިތުންގެ 1400 މީހަކަށް ވަނީ ގޯތި ދިނުމަށް ނިންމައި އެ ފަރާތްތަކުގެ ލިސްޓު ވަނީ އިއްލާންކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ2، އަދި 3 އަދި ގިރާވަރު ފަޅާއި ތިލަފުށިން 18000 މީހުންނަށް ވަނީ ގޯތި ދިނުމަށް ނިންމައި ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ 101128 ވޯޓު ހޯއްދަވާފައެވެ. އަދި މުއިއްޒު ވަނީ މާލެގެ މެޖޯރިޓީ ހޯއްދަވާފައެވެ.

ފާއިތުވި 50 އަހަރުގެ ތެރޭގައި މާލެގެ ރައްޔިތުންނަށް އަމާޒުކޮށް ގޯތި ދެއްވަން ނިންމައި ގޯތި ދެއްވި ހަމައެކަނި ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ނަމަވެސް އެމަނިކުފާނަށް މާލެގެ ގިނަ ރައްޔިތުން ވޯޓު ނުދެއްވައެވެ.