ރިޔާސި އިންތިހާބުގެ ދެވަނަ ބުރަށް އެމަނިކުފާނާއެކު ކޯލިޝަން ހަދާނެކަމުގެ ފެހި ސިގުނަލް ބައެއް ޕާޓީތަކުން ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކު ވާހަކަ ދައްކަަމުންދާ ކަމަށެވެ. އެގޮތުން އިއްޔެވެސް ބައެއް ވާހަކަތައް ދެކެވިފައި އެބަހުރިކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގުނަލް ދެއްވާފަތިބި ބައެއް ބޭފުޅުން އެބަ ތިއްބެވި." ރައީސް ސޯލިހް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނުކުރެވޭ ހިސާބަށް ނުދާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މި ދުވަސްވަރު ދެން ކުރަން އޮންނާނޭ މަސައްކަތަކީ ބަޔަކާއެކު ކޯލިޝަން ހެދުންކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ދެބަޔަކު ނުވަތަ ތިން ބަޔަކު ކޯލިޝަން ހަދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަން ކުރެވުމުން ފުދޭވަރެއްގެ ކުރިއެރުމެއް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް 39.05 އިންސައްތަ ވޯޓުލިބުނުއިރު އެމަނިކުފާނުގެ ކޯލިޝަންގައި ތިބީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.