Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ވަރޫން އަށް ރާއްޖެ އަކީ "ހެޕީ ޕްލޭސް"

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ވަރޫން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިއީ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތްކުރި ޒުވާން އެކްޓަރު މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރިޒް ކާލްޓަން މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވަރޫންގެ އިންސްޓަގްރާމްގައި "ހެޕީ ޕްލޭސް" ޖަހާފައިި ޕޯސްޓްކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ރާއްޖެ އައީ އަންހެނުން ނަތާޝާ ދަލާލާ އެކީގަ އެވެ. ވަރޫން ޗުއްޓީ އަށް ރާއްޖެ އައިސްފައި ވަނީ މި މަހުގެ 7 ގައި ސިނަމާތަކަށް ގެނައި ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމެއްގެ ޝޫޓިންގެ ތެރޭގައި އަނިޔާވެގެން އޭގެ މަސައްކަތުން ވެސް ބްރޭކެއް ނަގާފައި ވަނިކޮށެވެ.

ކަރަން ޖޯހަރްގެ 2012 ގެ "ސްޓޫޑެންޓް އޮފް ދިޔާ" އިން ބޮލީވުޑަށް ނުކުތް ވަރޫން، 36، ގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ބަވާލް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯނުން ގެނެސްދިން ޕްރިޔަންކާ ޗޯޕްޅާގެ ވެބް ސީރީޒް "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަން ހިމެނެ އެވެ.

އޭގެ ޝޫޓިން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ނިންމައިފަ އެވެ. ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރި "ސިޓަޑެލް އިންޑިއާ" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ސަމަންތާ ރޫތު ޕްރަބޫ އެވެ.