Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ.

މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ފަށާ ރިޔާސަތުގައި އިންނެވި މެންބަރު ހަސަން އަފީފް ވިދާޅުވީ މަޖިލީސް ރައީސްގެ އިތުރުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މަޖިލިސް ރައީސް އަދި ނައިބު ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންގެ ތެރެއިން 33 މެންބަރުން ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ އަދަދަށް މެންބަރުންގެ ސޮއި ހަމަނުވާތީ އެ ދެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދާއި ނައިބު ރައީސް އީވާގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މީގެކުރިންވަނީ ހުއްޓުމަކަށް އައިސްފައެވެ.