Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ކެޕްޓަން އެމެރިކާ" ކައިވެނިކޮށްފި

މާވެލް ސުޕަހީރޯ ފިލްމުތަކުގައި "ކެޕްޓަން އެމެރިކާ" ގެ ކެރެކްޓާ ކުޅޭ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް ކައިވެނިކޮށްފި އެވެ.

މީޑިއާތަކުން ބުނީ ވަރަށް އާދައިގެ ގޮތަކަށް ކްރިސް އާއި ބައިވެރިޔާ އަލްބާ ބަޓިސްޓާގެ ކައިވެނީ ހަފުލާ ބޭއްވީ ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ކަމަށެވެ. އެގޮތުން ހަފުލާގައި ބައިވެރިވި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ރޮބަޓް ޑައުނީ ޖޫނިއާ އާއި ކްރިސް ހެމްސްވޯތާއި ޖެރެމީ ރެނާ ހިމެނެ އެވެ.

އެ ހަފުލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.

ވަރަށް ގިނަ އަންހެނުން ހިތްކިޔަމުން ްއައި ކްރިސް ކައިވެނިކުރި ނަމަވެސް އޭނަ އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ކްރިސް، 42، އާއި، އަލްބާ، 26، ކައިވެނިކޮށްފައި މި ވަނީ ޑޭޓްކުރަން ފެށިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ދެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޕޯޗްގަލް އަށް އުފަން އަލްބާ އަކީ ވެސް ކްރިސްއާ އެއްގޮތަށް ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "މިސިޒް ހެރިސް ގޯޒް ޓު ޕެރިސް" އާއި 2020 "ފާތިމާ" ހިމެނެ އެވެ. އަލްބާ ކުޅުނު ސީރީޒްތަކުގެ ތެރޭގައި "ވޮރިއާ ނަން" އާއި "ޖޫގޯ ޑުޕްލޯ" ހިމެނެ އެވެ.