Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރަންވީރާ އެކީ ފިލްމެއް ކުޅެން ބޭނުން: ޝިލްޕާ

އެކްޓަރު ރަންވީރު ސިންގް އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އޭނައާ އެކީ ފިލްމެއްގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

މި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަ އޭނަގެ އާ ފިލްމު "ސުކީ" ގެ ޕްރޮމޯޝަންގެ ތެރެއިން "ޒޫމް ޓީވީ" އަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ ބޮލީވުޑްގައި މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯންގެ ފިރިމީހާ ރަންވީރު ކަމަށެވެ.

"ރަންވީރަކީ އަހަރެން ވަރަށް ގަޔާވާ އެކްޓަރެއް. ދެން މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން ކާތިކް އާރިއަނަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ތަރިއެއް. އަހަރެންގެ އުމުރާއި އެ މީހުންގެ އުމުރާ ބޮޑެތި ފަރަގުތަކެއް ވެސް އެބަހުރި،" ޝިލްޕާ ބުންޏެވެ. "އެކަމަކު މި ޒުވާން އެކްޓަރުންނާ އެކީ ވަރަށް ބޭނުން މަސައްކަތްކޮށްލަން. ހާއްސަކޮށް ރަންވީރާ އެކީ."

ރަންވީރުގެ އެންމެ ފަހުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބަލާފައި ރަންވީރަށް ތައުރީފުކޮށް ޝިލްޕާ މިދިޔަ މަހު އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓެއް ވެސް ހިއްސާކުރި އެވެ.

ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ އަދި ޒުވާން އެކްޓަރު ސިދާތު މަލްއުތުރާއާ އެކީ ޝިލްޕާ ވަރަށް އަވަހަށް ވެން ސީރީޒަކުން ފެންނާނެ އެވެ. އެއީ ޑައިރެކްޓަރު ރޯހިތު ޝެޓީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ "އިންޑިއަން ޕޮލިސް ފޯސް" އެވެ. އޭގައި ސިދާތާ އެކީ މަސައްކަތްކުރަން ލިބުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ޝިލްޕާ ބުނީ އޭނަ އަކީ "ފިލްމީ ނޫން" އެކަމަކު މަސައްކަތްތަށް ވަރަށް މޮޅު ތަރިއެއް ކަމަށެވެ.

ދެ ކުދިންގެ މަންމަ ޝިލްޕާ ބުނި ގޮތުގައި މިހާތަނަށް މަސައްކަތްކުރެވުނު އެކްޓަރުންގެ ތެރެއިން އެންމެ ކަމުދަނީ ގޯވިންދާ އެވެ.

"އަހަންނާ އެންމެ ގުޅޭ އެކްޓަރަކީ ވެސް ގޯވިންދާ ކަމަށް ގަބޫލު ކުރަނީ. އަހަންނަކީ އޭނަގެ ވަރަށް ބޮޑު ފޭނެއް ވެސް މެ." އޭނަ ބުންޏެވެ.

ގޯވިންދާ އާއި ޝިލްޕާ އެކީގައި ދެ ފިލްމު ކުޅުނެވެ. އެއީ "ޕަރުދޭސީ ބާބޫ" އާއި "ޗޯޓޭ ސަރުކާރު" އެވެ.