ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ދަޢުވަތު ލިބިފައިވާ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ފާރިސް 3000 ގާތް ކުރާ އަދަދަކަށް ވޯޓު ހޯދާފައެވެ. މިވަގުތު ދެ ޕާޓީންވެސް އެކުގައި މަސައްކަތް ކުރަން ބަޔަކު ހޯދަމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ޓީމުން އަދި މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުޢިއްޒުގެ ޓީމުންވެސް ދައުވަތު ލިބިފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ. ނަމަވެސް އަދި އެއްވެސް ގޮތެއް ނުނިންމާ ކަމަށް ވަނީ ވިދާޅުވެފައެވެ.
FYI we have been contacted by both President Solih and Mayor Muizzu with a view to working together in the second round.
We will be restating our positions as announced in the manifesto.
No decision has been made – I will make an announcement to the public— faris 🇲🇻 🇵🇸 (@afarismaumoon) September 11, 2023
ފާރިސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދެ ފަރާތައް ފާރިސްގެ މެނިފެސްޓޯގައިވާ ކަންކަން ހުށަހާޅާނެ ކަމަށެވެ. އަދި ދާދި އަވަހަށް ނިންމަވާގޮތެއް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިންތިހާބަށް ފަހު، ރޭ 'އެކްސް' ސްޕޭސް ގައި ފާރިސް އަށް ތާޢީދު ކުރައްވާ ބޭފުޅުންނާއެކު ވާހަކަ ދައްކަވަމުން ފާރިސް ވަނީ، ރާއްޖޭގެ ސިޔާސީ ކަންކަން ބައްޓަން ވެފައި އޮންނަ ގޮތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ގޮތަށް ރޭވިފައި އޮންނަ ކަމަށެވެ. އެހެން ކަމުން މަޝްވަރާތަކަށް ފަހު، ވަކި ގޮތެއް ނިންމާވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ބައެއް ސަޕޯޓަރުން ވަނީ ފާރިސް ވަކިކޮޅަކަށް ނުޖެހި މަސައްކަތް ކުރުމަށް ވެސް ލަފާ ދީފައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫން ވަނީ 2979 ވޯޓު ހޯއްދަވާފައެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައިގެން އެންމެ ގިނަ ވޯޓު ހޯއްދެވީ އުމަރު ނަސީރުއެވެ.