މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އަށް މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުވި ފިލްމު "ޕުޝްޕާ" ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
ފިލްމުގެ ފަސްޓް-ލުކް ޕޯސްޓަރާ އެކީ ބުނެފައި ވަނީ "ޕުޝް 2: ދަ ދޫލް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މިނިވަން ދުވަހު ކަމަށެވެ. އެއީ އޮގަސްޓް 15 ގަ އެވެ. "ޕުޝްޕާ: ދަ ރައިޒް" އަކީ 2021 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޖުމްލަ 250 ކްރޯޑް ރުޕީސް (30.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 373 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ރަތް ކެލާގަހުގެ ވަގު ވިޔަފާރިކުރާ ބައެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދިން އެކްޝަން ޑްރާމާގައި އައްލޫއާ އެކީ ބަތަލާގެ ރޯލު ކުޅުނީ މިހާރު ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅެމުން އަންނަ ހުނަރުވެރި ބަތަލާ ރަޝްމިކާ މަންދަނާ އެވެ. "ޕުޝްޕާ 2" އިން ވެސް އޭނަ ފެންނާނެ އެވެ.
މި ފިލްމު ރިލީޒްކުރި ދުވަސްވަރު މީގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ސާމީ ސާމީ" އާއި "އޫ އަންޓަވާ" އަކީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ދެ ލަވައެވެ.
"ޕުޝްޕާ 2" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.