އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުރި ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް ސިޔާސީ ދާއިރާ ދޫކޮށްލާނެ ކަމަށް ބުނެފި އެވެ.
އިންޑިއާގެ ޓީވީގެ މަޝްހޫރު ޓީވީ ޝޯ "އާޕް ކީ އަދާލަތު" ގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރޭގައި ސަނީ، 66، ބުނީ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ލޯކް ސަބާގައި އޭނަ މިހާރު ފުރަމުން އަންނަ ދައުރު، އަންނަ އަހަރަށް ހަމަވުމުން ދެން ސިޔާސީ އެއްވެސް މަގާމަކަށް ވާދަނުކުރާނެ އެވެ.
"އަސްލު އަހަރެންގެ ދުނިޔެއެއް ނޫން ސިޔާސީ ދުނިޔެ އަކީ. އެހެންވެ ދެން ސިޔާސީ ދާއިރާ އިން އިތުރަށް ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް." ސަނީ ބުންޏެވެ.
ޕަންޖާންގެ ގުރުދާސްޕޫރް ދާއިރާގެ ގޮނޑި އޭނަ ކާމިޔާބުކުރީ 2019 ގައި ބޭއްވި އިންތިހާބުގަ އެވެ. ނަމަވެސް ސަނީ ފާހަގަކުރެވެނީ މަޖިލީހުގެ ހާޒިރީ ވަރަށް ދަށް މެމްބަރެއްގެ ގޮތުގަ އެވެ. އެކަމާ ހެދި ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.
ސަނީ ބުނި ގޮތުގައި އޭނަ ހާޒިރީ ދަށަސް ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރެ އެވެ.
"އެކަމަކު މީގެ މާނައެއް ނޫން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވުމަކީ ރަނގަޅު ކަމެކޭ." އޭނަ ބުންޏެވެ.
ކުރީގެ މަޝްހޫރު ތަރި ދަރުމެންދުރާ ދޮށީ ދަރިފުޅު ބުނި ގޮތުގައ ޖަލްސާތަކަށް ހާޒިރުނުވާ ބައެއް ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އޭނަ ޖަލްސާއަކަށް ދާ ނަމަ ސެކިއުރިޓީ ވަރުގަދަވެ، އޭގެ ސަބަބުން ލޯކް ސަބާގައި މަސައްކަތްކުރާ އެހެން މީހުންނަށް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުން ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ގަދަރު 2" އެވެ. މީގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭނަ އަށް މިހާރު އަންނަނީ ގިނަ ފިލްމުތަކުން ފުރުސަތު ލިބެމުންނެވެ. އެހެންވެ އަންނަ އަހަރުން ފެށިގެން ސަނީގެ އެއްކޮށް ފިލްމީ މަސައްކަތްތަކަށް ހުސްވާނެ އެވެ.