Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ސަރޯޖްގެ ބައޮޕިކް ޑައިރެކްޓް ކުރާނީ ހެންސަލް

ދެހާސް ވިހީގައި މަރުވި ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ބައޮގްރަފިކަލް ޑްރާމާ، ކުޅަދާނަ ޑައިރެކްޓަރު ހެލްސަލް މެހެތާ ލިޔެ، ޑައިރެކްޓްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން އެ ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ކަށަވަރުކޮށް ދީފައިވެ އެވެ. ޕިިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ހެންސަލް މިހާރު ފިލްމުގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފަށާނެ ކަމަށެވެ.

ނަމަވެސް ސަރޯޖްގެ ބައޮޕިކްގައި އޭނަގެ ރޯލު ކުޅޭނެ ބަތަލާއަކާ ބެހޭ އެއްވެސް ވާހަކައެއް މި ވަގުތަކު ނުދެކެވެ އެވެ. ސަރޯޖުގެ ހަޔާތުގެ ވާހަކަ ފިލްމަކަށް ހަދަން ނިންމިކަން ޓީ ސީރީޒުން އިއުލާންކުރީ 2021 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އުމުރުން 71 އަހަރުގައި ހާޓްއެޓޭކެއް ޖެހިގެން ސަރޯޖް މަރުވީ ޖުލައި 3، 2020 ގަ އެވެ.

ބޮލީވުޑުން ފެނުނު އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ކޮރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ސަރޯޖްގެ ކެރިއަރުގައި 300 އަށް ވުރެ ގިނަ ފިލްމުތަކުގެ ލަވަތަކުގެ ނެށުން ތައްޔާރުކޮށް ދީފައިވެ އެވެ. އެގޮތުން އޭނަ ވަނީ އެންމެ މަޝްހޫރު ތަރިންނާ އެކީ މަސައްކަތްކޮށްފަ އެވެ.

ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސަރޯޖް ނެށުންތައް ތައްޔާރުކޮށްދިން މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި ފިލްމު "މިސްޓަ އިންޑިއާ" ގެ "ހަވާ ހަވާއީ" އާއި "ތޭޒާބް" ގެ "އޭކް ދޯ ތީން" އާއި "ދޭވްދާސް" ގެ "ޑޯލަރޭ" އާއި " "ޖަބް ވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" އާއި "ތަނޭދާރު" ގެ "ތައްމާ ތައްމާ" އަދި "ބޭޓާ" ގެ "ދަކް ދަކް ކަރްނޭ ލަގާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

އޭނަ އެންމެ ފަހުން ކޮރިއޯ ހެދި ލަވަ އަކީ މަދޫރީ ޑިކްސިޓްގެ ނެށުންތަކެއް ފެނިގެން ދިޔަ 2019 ގެ ފިލްމު "ކަލަންކް" ގެ ލަވަ "ތަބާ ހޯގަޔޭ" އެވެ.

ސަރޯޖްގެ ބައޮޕިކާ ހަވާލުވެފައިވާ ހެންސަލްގެ ކުރިއަށް އޮތް ފިލްމަކީ ކަރީނާ ކަޕޫރާ އެކީ ގެނެސްދޭން ތައްޔާރުވަމުން އަންނަ މިސްޓްރީ ތުރިލާ "ބަކިންހަމް މާޑާސް" އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޝާހިދު"، "ސިޓީ ލައިޓްސް"، "އަލީގަޅް" އަދި "އޮމެރްތާ" ހިމެނެ އެވެ.

ހެންސަލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފަރާޒު" އެވެ.