ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅެވެން ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަތަކެއްގެ ރައްދުގައި ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވީ ރައީސާ ގުޅެން އެދިވަޑައިގަންނަވަމުން ދިޔަ ނަމަވެސް "ދެނެއް އެކަން އެގޮތަށް ވާކަށް ނެތް" ކަމަށެވެ.
އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ޖާބިރު ވިދާޅުވީ އެމްޑީޕީ ބައިކުރި ބަޔަކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތް ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތް ވޯޓަކީ ވެސް އެމްޑީޕީއާ އެއް ފިކުރެއްގެ ތިބި ރައްޔިތުންގެ ދިން ވޯޓު ކަމަށެވެ. އެހެންވެ ފިކުރު އެއްކޮށްފައި ޑިމޮކްރެޓްސްއާ މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަޝިޕަށް އޭނަ ގޮވާލައްވައިފަ އެވެ.
"ދިމާވި މައްސަލައަކީ އެމްޑީޕީ ދެބައިވުން. އިތުރު މައްސަލައެއް ދިމައެއް ނުވޭ. އޭތި އަލުން ގްލޫ ކޮށްލެވިއްޖެ ކަމަށް ވަންޏާ، އެ ހިސާބުން ދާނީ ބާރަށް ކުރިއަށޭ،" ޖާބިރު ވިދާޅުވި އެވެ. "ހުރިހާ ބޭފުޅުން އަވަހަށް ނެގޯސިއޭޝަން ހައްދަވައި، އެއްބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާށޭ."
މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
މި ބުރަށް ތައްޔާރުވުމުގެ ގޮތުން ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ. އެހެންވެ ޑިމޮކްރެޓްސް އިން މިއަދު މެންދުރު ފަހު ދެވަނަ ބުރަށް ގޮތެއް ނިންމަން ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ އެވެ.