Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ގަހަނާ ބްރޭންޑަކަށް ޕަރިނީތީ އިންވެސްޓްކޮށްފި

އިންޑިއާގައި އަލަށް ތައާރަފުކުރި ގަހަނާ ބްރޭންޑަކަށް ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އިންވެސްޓްކޮށްފި އެވެ.

އަލަތު ކައިވެންޏަށް ތައްޔާރުވަމުން އަންނަ 34 އަހަރުގެ ބަތަލާ އިންވެސްޓްކޮށްފައި ވަނީ "ތުރިޓިޔާ ފައިން ޖުވެލަރީ" ކިޔާ ބްރޭންޑަކަށެވެ. މީގެ ވެރިއަކީ ޒުވާން ވިޔަފާވެރިއެއް ކަމަށްވާ ކާންތީ ދަތެވެ.

"ތުރިޓިޔާ ފައިން ޖުވެލަރީ" ރަސްމީކޮށް ލޯންޗްކުރީ މި މަހުގެ 8 ގަ އެވެ. އަދި އޭގެ ފުރަތަމަ އައުޓްލެޓް ހުޅުވާފައި ވަނީ ހައިދަރުއާބާދުގެ ޖުބިލީ ހިލްސްގަ އެވެ.

ކާންތީ ބުނީ އޭނަގެ ބްރޭންޑަށް ޕަރިނީތީ އިންވެސްޓްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އޭނަގެ ސަބަބުން އެ ބްރޭންޑަށް އާންމުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ކަޒިންއެއް ކަމަށްވާ ޕަރިނީތީ ބުނި ގޮތުގައި ގަހަނާ އަކީ އިންޑިއާގެ އާދަކާދަ އާއި ސަގާފަތް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ އެއްޗެއް ކަމަށާއި އޭނަ "ތުރިޓިޔާ ފައިން ޖުވެލަރީ" އަށް އިންވެސްޓްކުރުމަކީ ހަމައެކަނި ވިޔަފާރީގެ ޕާޓްނަޝިޕެއް ނޫން ކަމަށެވެ.

"މިއީ އަހަރެމެންގެ ސަގާފަތް ދިރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި އަހަރެން ދެކެނީ." އޭނަ ބުންޏެވެ.

"ތުރިޓިޔާ ފައިން ޖުވެލަރީ" އިޝްތިހާރު ކުރުމުގައި ޕަރިނީތީ ވަރަށް އިސް ރޯލެއް އަދާކުރާނެ އެވެ.