Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

އެމްޑީޕީގެ މަޖިލިސް މެންބަރުން ޕީޕީއެމަށް ބަދަލުވެދާނެ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީސް ރައީސް މުަހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް

މިހާރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު ޕީޕީއެމްއަށް ބަދަލު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަމައްދު ނަޝީދޫ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަން ނުވެ ދިގުދެމިގެންދާތީ މަޖިލިސް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް މެންބަރުންގެ ވާހަކަތަކަށް ރިއާޔަތް ކުރައްވާ ނަޝީދު ވިދާޅުވީ ދާއިމީ ކޮމެޓީތައް ވީހާވެސް އަވަހަކަށް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެގޮތުން ޙުދު އެމަނިކުފާނުވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓަރީ ގްރޫޕެއް އެކުލަވާލައި، ޕީޖީ ލީޑަރެއް އައްޔަންކޮށް މަޖިލީހަށް ހުށަހެޅުމަށް އަދި ދުވަސްތަކެއް ފަހަރެއްގައި ނަގާފާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މިހާރު އޮތް ގޮތަށް ކޮމެޓީތައް އެކުލަވާލަން ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

" އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ގޮތަކީ، މި ކޮމެޓީތައް މިވަގުތު އެކުލަވާލުން މިހާރު އެކަން ކުރެވެން އޮތް ގޮތަކަށް. ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމްއަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑަށްވެސް ފާހަގަވޭ. " ނަޝީދު ވިދާޅުވިއެވެ.

އެހެން ކަމުގައިވިއަސް ކޮމެޓީތައް ހިންގަމުން ދިއުން ބޭނުންތެރިކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެންމެ ފަހުން، އައި ބަދަލަކީ ފޮނަދޫ ދައިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ވަކިވުމެވެ. އެއާއިއެކު މިވަގުތު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮތް އިރު އެ ޕާޓީއަށް ނިސްބަތްވާ 53 މެންބަރުން އެބަތިއްބެއެވެ.

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 5 މެންބަރުން ތިބި އިރު، ޕީއެންސީއަށް ނިސްބަތްވާ 3 މެންބަރުން އެބަތިއްބެވެ. އަދި މަޖިލީހުގައި އެމްއެންޕީގެ 3 މެންބަރުން ތިބެއެވެ. އަދި ދަ ޑިމޮކްރެޓްސް މެންބަރުންގެ ގޮތުގައި މަޖިލީހަށް އަންގާފައިވާ 3 މެންބަރުން އެބަތިއްބެވެ. އެމްޑީއޭގެ 2 މެންބަރުން އަދި ޖޭޕީގެ 2 މެންބަރުން މަޖިލީހުގައި މިވަގުތު ތިބެއެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ 16 މެންބަރުން މަޖިލީހުގައި ތިބިކަމަށް މިއަދު ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.