Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

އޭދަފުށީ ބަނދަރު ތަރައްގީ ކުރަން ތައްޔާރުވެއްޖެ

ބ. އޭދަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓް މޯބަލައިލް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނުގައި މި މަސައްކަތް ކުރާ ސައިޓް މޯބަލައިޒްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ކަމަށް ވަނީ ބުނެފައެވެ. ބ. އަތޮޅުގެ ވެރިކަން ކުރާ އޭދަފުށި ބަނދަރު އިތުރަށް ފުންކޮށް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން އެކުންފުންޏާއި ހަވާލުކުރީ، އެ ރަށުގެ ބަނދަރުން ޖާގަ ލިބުމުގައި މިހާރު ދަތިތައް ހުރުމާއެކު ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެނެވެ.

އޭދަފުށީ ބަނދަރު ބޮޑުކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 28،304 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން 3354 ކިއުބިކް މީޓަރު ސަރަހައްދެއްގައި ނެރު ފުން ކުރުމުގެ އިތުރުން، 402 މީޓަރުގައި އެއްގަމު ތޮށި ލުމާއި، 170 މީޓަރުގެ ބޭރު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 11 މީޓަރު ދިގު އަދި 11 މީޓަރު ފުޅާ ރޭމްޕަކާއި، 18 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ރޭމްޕަކާއި އެކު ބްރިޖެއް ހެދުމަށް ވަނީ ނިންމާފައެވެ. މަޝްރޫޢު ނިމިގެން ދާއިރު 1814 އަކަ މީޓަރު ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގް ބޯއިސް ހަރުކުރުމަށް މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަޝްރޫޢުގެ ސައިޓް މޯބަލައިޒް ކުރެވުނު ނަމަވެސް، ޢަމަލީ މަސައްކަތް ފަށާނީ އީއައިއޭ ހަދައި ނިމުމުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި އަަތޮޅުގައި 17 ރިސޯޓު އޮންނައިރު ގިނަ މީހުން ރިސޯޓުތަކުގައި އުޅެއެވެ. އަދި ސްޕޯޓްސް ފިޝިންގް އަކީ މިރަށުގައި މަޤްބޫލު ކަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. މިއާއެކު ބަނދަރު މަޝްރުޢުގެ ސަބަބުން ރަށަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.