ޕީއެންސީ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި އައްޑޫގެ ތަރައްޤީގެ މަސައްކަތް ހުއްޓުވާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ނިޒާރު ވަނީ ހަސަދަވެރިކަމާއި ޒާތީ ވިސްނުމުގައި މުސްތަޤުބަލު ވީރާނާ ކޮށް ނުލުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ޕީޕީއެމް ފިކުރަކީ އަތޮޅުތަކަށް ބަނަ ފިކުރެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
"ޕީ.ޕީ.އެމްގެ 7 އަހަރުގައި މުއިޒް ކުރެއްވި އަތޮޅުވެރި ކަމުގަ އައްޑޫ 20 އަހަރު ފަހަތަށް ދަތުރު ކުރި. އެ ގެއްލުމުން އަދިވެސް އަރައިނުގަނެވޭ. އައްޑޫ ސިޓީގެ ތަރައްގީގެ މަސައްކަތް ހުއްޓުވާނެ. ޝައްކެއް ނެތި ބުނަން." ނިޒާރު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި އައްޑޫއަށް އެންމެ ބޮޑު ޙަރަދެއް ކޮށްފައިވަނީ މި ސަރުކާރުން ކަމަށް މީގެ ކުރިން މޭޔަރ ނިޒާރު ވަނީ ވިދާޅުވެފައެވެ. އަދި މުޢިއްޒު 7 އަހަރު ދުވަހު ހައުސިންގް މިނިސްޓަރކަން ކުރެއްވި ކަމަށާއި، އައްޑޫއަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް އިދިކޮޅު ކެނޑިޑޭޓު މުޢިއްޒު ވެރިކަމަށް އައިސްފިނަމަ ހުއްޓުވާލާނެ ކަމަށް މޭޔަރ ނިޒާރު ވިދާޅުވެފައިވާއިރު، މިވަގުތުވެސް އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު އާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރުޢޫ ގެ އިތުރުން، ބިން ހިއްކުމުގެ މަޝްރުޢޫ ތެރެއިން ރިވެޓްމެންޓް ޖެހުމާއި، އަދި ފަތުރުވެރިކަމަށް ރަށްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރެވެމުން ދެއެވެ.
މިއީ މިހާތަނަށް އެއް ސަރުކާރަކުން އައްޑޫގައި އެންމެ ގިނަ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށް ގެންދާ ސަރުކާރު ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.