ރިޔާސީ އިންތިޙާބުގައި އެ ޕާޓީގެ މެންބަރުން ވޯޓު ނުދިނީ، ކެމްޕެއިން ވަކި ހިސާބަކަށް ދިޔައީމަ 1 ނުވަތަ 2 އަށް ޕާޓީ ނާންނަތަން ފެނުމުން ކަމަށް ޕާޓީގެ ލީޑަރު ދަނގެތީ ދައިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި މިއަދު ކޯލިޝަން އެއްބަސްވުމެއްގައި އެ ޕާޓީން ސޮއިކޮށްފައިވާއިރު، ނާޒިމް ވިދާޅުވީ އެއްބަސްވުމުގައި ބޮޑެތި ޝަރުތަތަކެއް ނެތް ކަމަށާއި އެއްބަސްވީ ޤައުމީ މަސްލަހަތައްޓަކައި ސަރުކާރު ބަދަލު ކުރަން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމްއަށް ނޫސްވެރިއަކު ވަނީ ނާޒިމް ޕާޓީގެ ރެޖިސްޓްރީގައި ތިބި ގިނަ މެންބަރުންގެ ތާއިދު އިންތިހާބުގައި ނުލިބޭކަން ފާހަގަކޮށް ޕީޕީއެމް/ޕީއެންސީއަށް އިންތިހާބު ކާމިޔާބު ކުރަން އެމްއެންޕީއާއި އެކު ބޭނުންވާ ތާޢިދު ލިބޭނެ ކަމަށް ޤަބޫލު ކުރައްވަންތޯ އައްސާވާފައެވެ. އެމްއެންޕީގެ ރައީސް ނާޒިމް މި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ކެމްޕެއިންގެ ތެރެއިން 150 ރަށަށް ވަޑައިގެންނެވި ކަމަށެވެ. އަދި ގިނަ ރައްތަކުން ރައްޔިތުން ބޭނުންވީ މި ސަރުކާރު ނޫންގޮތެއްކަން ފާހަގަކުރެއްވިއެވެ.
" އެހެންވީމަ އަޅުގަނޑުމެންނަށް ވޯޓު ލުމުގެ ބަދަލުގައި އެމީހުންނަށް އެބަ ފެނޭ ވަކި ހިސާބަކަށް ކެމްޕެއިން ދިޔާއީމަ، އަޅުގަނޑުމެން 1 ނޫނީ 2 އަށް ނާންނަތަން ފެނޭ. އެހެންވީމަ އެމީހުން ނިންމީ؛ އަޅުގަނޑު ކައިރީ ތަކުރާރުކޮށް އެމީހުން ބުނި، ދެން ތިމަންނަ މެންނަށް އެންމެ ރަނގަޅު ޗޮއިސްއަށް ދާށޭ " ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެ ޕާޓީއަށް ތާޢިދު ކުރި ގިނަ ފަރާތްތަކުން ވޯޓު ލާފައި ހުރީ ޕީޕީއެމްއަށް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްއަކީ ފިކުރުގެ ގޮތުން އެ ބަޔަކަށް ވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީ ބުނީ، މި ކޯލިޝަނާއި ގުޅުމުން ޕާޓީގެ ގިނަ ބައެއްގެ ތާޢީދު ލިބޭނެ ކަމަށެވެ. އަދި މިއީ އެއް ވިސްނުމެއް އަދި އެއް ފިކުރެއްގެ ބައެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ޕާޓީއަކީ ޤައުމީ ފިކުރުގެ ބައެއް ކަމަށާއި މި ކޯލިޝަނާއެކު އެ އެންމެން ތިބޭނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިއަކު ވަނީ ނާޒިމް ފްރޭމް ކުރި މައްސަލަ ކުރިއަށް އޮތްތަނުގައި މައްސަލައަކަށް ވެދާނެތޯވެސް ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވަނީ މާޒީގައި ހިނގާފައި ހުރިކަންކަން ނުވާކަމަކަަށް ނުވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަނީ ކުރިމަގަށް ކަމަށެވެ.