ރިލީޒްކުރިތާ އެންމެ ހަ ދުވަހުގެ ތެރޭގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" އަށް އިންޑިއާ އިން ލިބުނު އާމްދަނީ 300 ކްރޯޑް ރުޕީސް (36.2 މިލިއަން ޑޮލަރު) އަރައިފި އެވެ.
މި މަހުގެ 7 ގައި ސިނަމާތަކަށް ގެނައި ފިލްމުގެ އެވަރުގެ އާމްދަނީއެއް ހަމަކުރީ މިއަދެވެ. މިއާ އެކީ "ޖަވާން" ވެފައި ވަނީ އެންމެ އަވަހަށް 300 ކްރޯޑް ކުލަބަށް ވަން ފިލްމަށެވެ. ކުރިން އެ ރެކޯޑް އޮތީ މި އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" އަށެވެ. އެ ފިލްމަށް އިންޑިއާ އން ލިބުނު އާމްދަނީ 300 ކްރޯޑަށް އެރީ ހަތް ދުވަހުގެ ތެރޭގަ އެވެ.
އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓަކުން "ޖަވާން" އަށް މިހާތަނަށް ލިބުނު އާމްދަނީ އެއްކޮށްލުމުން 560.05 ކްރޯޑް ރުޕީސް (67.6 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
ޝާހްރުކްގެ ތަފާތު ގިނަ ލުކްތަކެއް ފެނިގެންފާ މި އެކްޝަން ތުރިލާގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާ އިރު، މިއީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ ފިލްމެކެވެ. "ޖަވާން" ހެދީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
މީގެ ކާސްޓަށް ބަލާ އިރު، މިއީ ބޮލީވުޑާއި ދެކުނުގެ ތަރިންތަކެއްގެ މުސްހުނި ކާސްޓެއް އެކުލެވޭ އެއްޗެކެވެ. "ޖަވާން" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި "ޕަތާން" ގެ ބަތަލާ ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ހިމެނެ އެވެ.